އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ރައީސުންގެ މުސާރަ ކުޑަކުރަން ނިންމައިފި އެވެ.
ނޭޝަނަލް ޕޭ ކޮމިޝަނުން އެންމެ ފުރަތަމަ ނިންމާފައި އޮތީ ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސާއިންނަށް 41،000 ރުފިޔާގެ މުސާރައެއް ދިނުމަށެވެ. އަދި ރަށްރަށުގެ އަންހެނުންގެ ކޮމިޓީތަކުގެ ރައީސާއިންނަށް 21،000 ރުފިޔާ ދޭން ނިންމި އެވެ.
ނަމަވެސް ފިނޭންސް މިނިސްޓްރީން މިއަދު ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ މުސާރައަށް ބަދަލު ގެނައުމަށް ނިންމައިފި އެވެ.
އެގޮތުން ސިޓީ ކައުންސިލްތަކުގެ ޑަބްލިއުޑީސީ ރައީސުންނަށް ދެން ލިބޭނީ މަހަކު 20،000 ރުފިޔާ އެވެ. އަދި، ނައިބު ރައީސުންނަށް 7،000 ރުފިޔާ ދޭން ނިންމާފައިވާއިރު، މެންބަރުންނަށް ދޭނީ 6،000 ރުފިޔާ އެވެ.
މީގެ އިތުރުން، ރަށްރަށުގެ ޑަބްލިއުޑީސީތަކުގެ ރައީސުންނަށް 15،000 ރުފިޔާ، ނައިބު ރައީސުންނަށް 6،000 ރުފިޔާ އަދި މެންބަރުންނަށް 5،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖައްސާފަ އެވެ.
ކޮމެޓީގެ ނައިބު ރައީސުންނާއި މެމްބަރުން ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް 500 ރުފިޔާގެ ސިޓިން އެލަވަންސެއް ދިނުމަށް ވަނީ ނިންމައިފަ އެވެ. ނަމަވެސް މި އެލަވަންސްގެ ގޮތުގައި މަހަކު އެންމެ ގިނަވެގެން ދެވޭނީ 2,000 ރުފިޔާ އެވެ.