ވ. އަތޮޅު އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައެއްގެ ތެރޭގައި ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ އިޓަލީވިލާތުގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު މިރޭ ފަތިހު އެ ގައުމަށް ފޮނުވާލުމަށް ނިންމައިފި އެވެ.
ވ. އަތޮޅުގައި ޑައިވް ކުރަނިކޮށް އިޓަލީގެ ފަސް ޑައިވަރުން ގެއްލުނީ މިމަހުގެ 14 ވަނަ ދުވަހު އެވެ. އޭގެ ތެރެއިން އެކެއްގެ ހަށިގަނޑު އެ ދުވަހު ފެނިފައިވާއިރު ބާކީ ތިބި ހަތަރު މީހުންގެ ހަށިގަނޑު ފެނުނީ މި މަހުގެ 18 ވަނަ ދުވަހު އެވެ.
އެ މީހުން ހޯދަން އުޅުމުގެ ތެރޭގައި ދިވެހި ސިފައިންގެ ޑައިވަރަކު ވެސް ވަނީ ނިޔާވެފަ އެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވީ، އެ 4 މީހުންގެ ހަށިގަނޑުވެސް މިރޭ ފަތިހު އިޓަލީވިލާތަށް ފޮނުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެގައުމުގައި ޕޯސްޓްމޯޓަމް ހެދުމަށްފަހު، އޭގެ ރިޕޯޓް ރާއްޖޭގެ ތަހްގީގު ޓީމާއި ހިއްސާކުރާ ގޮތަށް ނިންމާފައިވާ ކަމަށް ވެސް މުންދު ވިދާޅުވި އެވެ.
އިޓަލީގެ ފަސް ޑައިވަރުންގެ ހަށިގަނޑުގެ ތެރެއިން އެކެއްގެ ހަށިގަނޑު ވަނީ މި މަހުގެ 19 ވަނަ ދުވަހު އިޓަލީއަށް ގެންގޮސްފަ އެވެ.