ލޮބުވެތި ޙައްޖުވެރިންނޭވެ. ތިޔަބޭފުޅުން ތިޔަ ކުރިމަތިލައްވަނީ އާދައިގެ ދަތުރަކާ ނޫނެވެ. އެއީ ދުނިޔޭގެ ހަލަބޮލިކަމުން ދުރަށްޖެހި، އަޅުކަމުގެ ހިމޭންކަމުގެ ތެރެއަށް ވަދެވޭ ދަތުރެކެވެ. މަޚްލޫޤުންނާ އޮންނަ ގުޅުމަށްވުރެ ބޮޑަށް، ޚާލިޤުވަންތަ ﷲ އާ އޮންނަ ގުޅުން ވަރުގަދަކޮށް، ދިރިއުޅުމުގެ ބުރަކަމުގެ ތެރެއިން މާތްﷲ ގެ ހަޟްރަތުގައި ހިތްސާފުކޮށްލުމަށް ލިބޭ މަތިވެރި ފުރުޞަތެކެވެ.
މާތްﷲ ވަޙީކުރައްވައިފައިވެއެވެ؛
﴿وَأَذِّن فِي النَّاسِ بِالْحَجِّ يَأْتُوكَ رِجَالًا وَعَلَىٰ كُلِّ ضَامِرٍ يَأْتِينَ مِن كُلِّ فَجٍّ عَمِيقٍ * لِّيَشْهَدُوا مَنَافِعَ لَهُمْ﴾ (سورة الحج 27-28)
މާނައީ: "އަދި ކަލޭގެފާނު މީސްތަކުންނަށް حج އަށް އައުމަށް ގޮވައިލައްވާށެވެ! އޭރުން ފައިމަގުގައްޔާއި، އަނަރޫފަ ޖަމަލު މަތީގައި، ދުރުތަންތަނުން އެއުރެން ކަލޭގެފާނުގެ އަރިހަށް އަންނާނެތެވެ. އެއީ އެއުރެންނަށްހުރި (دينى އަދި دنيوى) މަންފާތަކެއް ލިބިގަތުމަށްޓަކައެވެ."
ޙައްޖަކީ ހަމައެކަނި އެއް ޤައުމުން އަނެއް ޤައުމަށް ކުރެވޭ ދަތުރެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ޣާފިލުކަމުން ހޭލުންތެރި ކަމަށް ކުރެވޭ ދަތުރެކެވެ. ހިތުގެ ހަރުކަށިކަމުން ރޫޙާނީ ދިރުމަކަށް ކުރެވޭ ދަތުރެކެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ތިޔަބޭފުޅުންގެ އަމިއްލަ ލޮލުން ކަޢުބަތުﷲ ގެފުޅު ދެކޭނެއެވެ. އެއީ ފޮޓޯއަކުން ނުވަތަ ސްކްރީނަކުން ފެންނަ ފެނުމެއް ނޫނެވެ. އެއީ މުއުމިނުންގެ ހިތްތައް އެދި ގޮވާ، މާތްﷲ މީސްތަކުންނަށް އަމާންކަމާއި ރަޙުމަތުގެ މަރުކަޒެއްގެ ގޮތުގައި ލެއްވި ބައިތުﷲ އެވެ.
މާތްﷲ ވަޙީކުރައްވާފައިވެއެވެ؛
﴿وَإِذْ جَعَلْنَا الْبَيْتَ مَثَابَةً لِّلنَّاسِ وَأَمْنًا﴾
މާނައީ: "އަދި ثواب ލިބިގަތުމުގެ ތަނެއް ކަމުގައްޔާއި أمان ކަން ލިބިގެންވާ ތަނެއް ކަމުގައި މީސްތަކުންނަށްޓަކައި ތިމަންރަސްކަލާނގެ كعبة اللَّه ގެފުޅު ލެއްވިހިނދު ހަނދުމަކުރައްވާށެވެ!"
މި މަތިވެރި ދަތުރުގައި ކޮންމެ ޙައްޖުވެރިއަކުވެސް އަމިއްލަ ނަފްސާ ސުވާލުކޮށްލުން މުހިންމެވެ. "މި ދަތުރަށް މާތްﷲ އަހަރެން އިޚްތިޔާރު ކުރެއްވީ ކީއްވެގެން ހެއްޔެވެ؟" ކިތަންމެ ބަޔަކު މުދަލާއި ޞިއްޙަތު ހުރެމެ، ޙައްޖުގެ ނަސީބު ނުލިބި އެބަތިއްބެވެ. އަދި އެ ބިމަށް ދިއުމަށް އިންތިހާއަށް އެދި އެދި ތިއްބާ، ބަލިމަޑުކަމެއް ނުވަތަ މަރު ކުރިމަތިވެ އެ ފުރުޞަތުން މަޙްރޫމްވި ކިތަންމެ ބަޔަކު އެބައުޅެއެވެ.
ނަމަވެސް މާތްﷲ ތިޔަބޭފުޅުން އެކަލާނގެ ގެފުޅަށް ގެންދަވައި، އެތައް މިލިއަން ބައެއްގެ ތެރެއިން އެކަލާނގެ މެހުމާނުންގެ ގޮތުގައި އިޚްތިޔާރު ކުރެއްވިއެވެ. މިއީ ޝުކުރުވެރިވުމާއި، އިޚްލާޞްތެރިކަމާއެކު އެކަލާނގެ ހަޟްރަތުގައި މަޑުމޮޅިވުން ޙައްޤުވެގެންވާ މަތިވެރި ނިޢުމަތެކެވެ. އިބްނުލް ޤައްޔިމް (ރަޙިމަހުﷲ) ވިދާޅުވެފައިވެއެވެ: "މީހަކަށް ހެޔޮގޮތް މިންވަރު ކުރައްވަން މާތްﷲ އިރާދަކުރައްވައިފިނަމަ، އެމީހަކަށް މަޑުމޮޅިކަމާއި، އަބަދުވެސް މާތްﷲ ގެ ހަޟްރަތުން އެހީއަށް އެދުމާއި، އެކަލާނގެއަށް ބޭނުންޖެހިފައިވާ މިންވަރު އިޙްސާސްކުރުމުގެ ދޮރު ހުޅުއްވައިދެއްވައެވެ." (مدارج السالكين)
ނޯޓް: މިއީ ޑރ. މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.