ދިވެހި ފުލުހުންގެ ޚިދުމަތާއި މިސްރުގެ މިނިސްޓްރީ އޮފް އިންޓީރިއާއާ ދެމެދު، ދާހިލިީ ސަލާމަތީ ދާއިރާގައި އެއްބާރުލުން ބަދަހިކުރުމާއި، ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ވަސީލަތްތައް އަދި މައުލޫމާތު ހިއްސާކުރުމާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.
މި ފަހުމުނާމާގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ. މިސްރުގެ މިނިސްޓްރީ އޮފް އިންޓީރިއާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓާ ފޯ ޕަބްލިކް ސެކިއުރިޓީ އަދި ހެޑް އޮފް ދަ ސުޕްރީމް ކައުންސިލް އޮފް ދަ ޕޮލިސް، ޖެނެރަލް މަޙްމޫދު އަބޫ އަމްރާ އެވެ.
މި މަހުގެ 17 އިން 21 އަށް ކޮމިޝަނަރ އޮފް ޕޮލިސް މިސްރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާއި، ދާހިލީ ސަލާމަތީ ހިދުމަތުގައި ތަޖުރިބާ ހިއްސާކުރުމާއި ތަމްރީނު ފުރުސަތުތައް އިތުރުކުރުމާ ގުޅޭގޮތުން ރަސްމީ ފަރާތްތަކާ އެކު މަޝްވަރާކޮށްފައިވެ އެވެ.