Last Updated: July 12, 09:52
Sunday, July 12, 2026
ޚަބަރު

ރައީސް 2028 ކާމިޔާބު ކުރައްވާނީ 60 ޕަސެންޓުން

ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) - ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ 60 ޕަސެންޓް ވޯޓުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެ އެވެ.

މިދިޔަ އޭޕްރީލް މަހުގެ ބޭއްވި ކައުންސިލް އިންތިހާބުގައި އއ. ތޮއްޑޫއިން ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝާޑު ވިދާޅުވީ ދެ އަހަރާއި ބައިގެ ތެރޭގައި މި ސަރުކާރަށް 30 ޕަސެންޓް ލިބުމުން މައްސަލައެއް ނެތް ކަމަށާއި އަނެއް ދެ އަހަރާއި ބައިގެ ތެރޭގައި 30 ޕަސެންޓް ނެގުމުން 60 ޕަސެންޓް ލިބޭއިރު، ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ އެ އަދަދުން ކަމަށެވެ.

"2028 ރިޔާސީ އިންތިހާބު އަޅުގަނޑުމެން ކާމިޔާބުކުރާނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު 60 ޕަސެންޓުން،" ޝާޑު ވިދާޅުވި އެވެ.

ޝާޑު ވިދާޅުވީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ތިއްބެވީ ރައީސް މުއިއްޒުގެ ފަހަތްޕުޅުގައި، އެމަނިކުފާނު ދެވަަނަ ދައުރަކަށް އިންތިހާބުކޮށްދިނުމަށް މަސައްކަތް ކުރުމަށް ކަމަށެވެ. ޕީއެންސީގެ މަޖިލިސް މެމްބަރުންގެ ތެރޭގައި ހިތް ނުތަނަވަސްކަމެއް ނެތް ކަމަށާއި ގައުމުގެ މިސްރާބު ހުރިގޮތް އެނގިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.

ވެރިކަން ކޮށްފައި ފައިބާވަޑައިގަންނަވާ އެއްވެސް ރައީސަކަށް، އެހެން ބޭފުޅަކު ދެވަނަ ދައުރަކަށް ވަޑައިގެން ޤައުމަށް ޚިދުމަތް ކުރައްވާ މަންޒަރު ބައްލަވަން ކެތްނުވާނެ ކަމީ ހިތްދަތި ސިޔާސީ ޙަޤީޤަތެއް ކަމަށްވެސް ޝާޑު ވިދާޅުވި އެވެ. އަދި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ 30 އަހަރުގެ ވެރިކަން ބަދަލުކުރި ގޮތަށް، މިހާރު ރާއްޖޭގެ ވެރިކަން ބަދަލު ނުކުރެވޭނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ޝާޑު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.