އިންޑިއާގެ އުއްތަމަފަނޑިޔާރު، ސޫރިޔަ ކާންތު ޝަރުމާ ހިނގަމުން ދިޔަ ޝަރީޢަތެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ވަޒީފާ އަދާނުކުރާ އިންޑިއާގެ ޖެންޒީންނަކީ ނުވަތަ ޒުވާނުންނަކީ ކުރައްޕާއި، ފަނިފަކުސާ ކަމުގައެވެ. އެހިސާބުން، އެ ވަރުތިކަ ނުވަތަ ރިމާރކްސް ވިއަރިވެ، އިޙުތިޖާޖީ ޙަރަކާތަކަށް ބަދަލުވިއެވެ.
އިންސްޓަގްރާމްގައި، "ކުރަފި ޖަންތާ ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެދުނެވެ. އަދި ފާއިތުވި ހަތަރު ދުވަހުގެ ތެރޭގައި، ކުރަފި ޖަންތާ ޕާޓީގެ މެމްބަރުންގެ ޢަދަދު 13.1 މިލިއަނަށް އެރިއެވެ. އެއީ މިހާރު އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަންތާ ޕާޓީގެ ޖުމްލަ މެމްބަރުންގެ ޢަދަދު ކަމަށްވާ 8.3 މިލިއަނަށް ވުރެ، 4.8 މިލިއަން އިތުރު ޢަދަދެކެވެ.
ކުރަފި ޖަންތާ ޕާޓީއަކީ ކޮން އެއްޗެއް ހެއްޔެވެ؟
ކުރަފި ޖަންތާ ޕާޓީއަކީ ހަޖުލަކަށް ފެށުނު އޮންލައިން ސިޔާސީ ޙަރަކާތެކެވެ. އެއީ އަދި މިހާތަނަށް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ޕާޓީއެއް ނޫނެވެ. އެ ޙަރަކާތް މަޝްހޫރުވެފައި ވަނީ މީމްސް އާއި، މީސްމީޑިއާގައި ޝާއިޢުކުރާ ލިއުންތަކާއި، ފޮޓޯތަކާއި، އިޙުތިޖާޖީ ފޭޑީގެ ކޮންޓެންޓްތަކުންނެވެ. އެ ޙަރަކާތް އުފެދުނީ އިންޑިއާގެ އުއްތަމަ ފަނޑިޔާރުގެ ވަރުތިކަ ނުވަތަ ރިމާރކްސްއާ ގުޅިގެން އާންމުންގެ ރުޅިވެރިކަން ހާމަކުރުމަށެވެ. އުއްތަމަ ފަނޑިޔާރުގެ އިހާނެތި ބަސްތައް، މުޤާވިމާގެ ރަމުޒަކަށް ބަދަލުވެގެން ދިޔައީއެވެ. އެ ޕާޓީގެ ބާނީއަކީ އަބިޖީތު ޑިޕްކޭއެވެ.
އެ ޕާޓީގެ ބޭނުމަކީ މާޔޫސްވެފައިވާ ޒުވާނުންގެ އަޑު އިއްވައިދިނުމެވެ. މިވަގުތު އިންޑިއާއަށް ކުރިމަތިވެފައިވާ ކޮރަޕްޝަނާއި، ވަޒީފާނެތުމާއި، ސިޔާސީ ޖަވާބުދާރީވުމާއި، އަދި ރައްޔިތުން ތަމްސީލުކުރުމާއި ގުޅޭ ގޮތުން އަޑުއުފުލުމެވެ. އެގޮތުން، ހަޖުލާއި، ހެއްވާ މަޖާ ވާހަކައިގެ ތެރެއިން ސީރިއަސް މައްސަލަތަކަށް އެޑްރެސްކުރުމެވެ.
ކުރަފި ރަމުޒެއްގެ ގޮތުގައި ބޭނުން ކުރަނީ ކީއްވެގެން ހެއްޔެވެ؟
ކުރަތްޕަކީ ދަތި އުނދަގޫ ޙާލަތްތަކުގައިވެސް ދިރިދެމިހުންނަ އެއްޗެކެވެ. އެހެންކަމުން، އެ ރަމުޒު ދައްކުވައިދެނީ ވިލުންތެރި، ދިރިދެމިހުންނަ، އަދި އުއްމީދު ދޫކޮށްނުލާ، އަމާން ނުދޭނެކަމެވެ. އެ ޕާޓީގެ ޙަރަކާތްތައް އިޖުތިމާޢީ މަންސަތަކުގައި، ވަކިން ޚާއްޞަކޮށް އިންސްޓަގްރާމްގައި ވަރަށް އަވަހަށް ވައިގައި ހިފިއެވެ. ވައިފައި ހުންނަ ކޮންމެ ތަނަކީ އެ ޕާޓީގެ ހަރުގެއެކެވެ.
އެ ޕާޓީގެ ފޭޑިއަކީ ވަރަށް ކެރޭ، ޖެހިލުންކުޑަ އަދި ޒުވާނުންގެ ޖަޒުބާތުތަކާއި ގުޅިފައިވާ ފޭޑިއެކެވެ. ކުރަފި ޖަންތާ ޕާޓީ، އެންމެ ރަނގަޅަށް ފަހުމުކޮށްދެވޭނީ ހަޖުލަށް ބިނާވެފައިވާ ޙަރަކާތެއްގެ ގޮތުގައެވެ. އަދި އެއީ ވަރަށް ގިނަ ޒުވާނުންގެ ސުމޭކީ އިޙުތިޖާޖުގެ އަޑެވެ.
ކުރަފި ޖަންތާ ޕާޓީގެ މެމްބަރަކަށް ވުމުގައި، ޝަރުޠުތަކެއްވެސް ކަނޑައަޅާފައި ވެއެވެ. އެގޮތުން، ވަޒީފާއެއް ނެތުމާއި، ކަންނެއްވުމާއި، ތާއަބަދު އޮންލައިންވުން ހިމެނެއެވެ. އެކަމަކު، އެ ހެއްވާ މަޖާ ކަންތައްތަކުގެ ފަހަތުގައި ވަނީ ޙަޤީޤީ މާޔޫސްކަމެވެ. އިންޑިއާގެ ޖެންޒީގެ ތެރެއިން 15-29 އަހަރުގެ ޢުމުރުފުރާގެ ޖެންޒީންނަކީ ދުނިޔޭގެ އެންމެ ބޮޑު ޖެންޒީންގެ ޖަމާޢަތެވެ. އެ ކުދިންނަކީ ވަރަށް ތަޢުލީމީ އަދި ވަރަށް ތުމޫޙާތު ޖަމާޢަތެކެވެ. ޢުމުރުން 25 އަހަރުން ދަށުގެ ޒުވާނުންގެ ތެރެއިން 40 އިންސައްތަ ޒުވާނުންނަކީ ދަސްވެނިވެފައިވާ އެކަމަކު، އަދާކުރާނެ ވަޒީފާއެއް ނެތް ޒުވާނުންނެވެ. އިންފްލޭޝަން އިންތިހާއަށް މަތިވެ، ބައެއް ޒުވާނުން ދެކޭގޮތުގައި، އެމީހުންގެ ސަރުކާރުން ވަނީ، އެމީހުންގެ މަތިން ހަނދާން ނައްތާލާފައެވެ.
އެންމެ ފަހުން، އިންޑިއާގެ ވެރިކަންކުރާ ބާރަތިޔާ ޖަންތާ ޕާޓީއަށް، އެ ސުމޭކީ ސިޔާސީ ޙަރަކާތް ހަޖަމު ނުކުރެވިގެން، އިންސްޓަގްރާމުގައިވާ އެ ޕާޓީގެ އެކައުންޓް ސަސްޕެންޑުކޮށް ހިފެހެއްޓިއެވެ. އެހެން ނަމަވެސް، ސިޔާސީ މީހުންނަށް ނުވިސްނޭ ކަމަކީ ގަދަ ދައްކައިގެން ސިޔާސީ ފިކުރެއް ކަސްތޮޅު ނޭޅުވޭނޭ ކަމެވެ. ކުރަފި ޖަންތާ ޕާޓީއިން މިއަދު އަނެއްކާވެސް، އެ ޕާޓީގެ ސްމޭކީ ޙަރަކާތް އިހުނަށްވުރެ ބާރަށް، މީސްމީޑިއާގައި، ވަކިން ޚާއްސަކޮށް އިންސްޓަގްރާމުގައި އަލުން ފަށައިފިއެވެ.
ކުރަފި ޖަންތާ ޕާޓީގެ ބާނީ އަބިޖީތު ޑިޕްކޭ ބުރާސްފަތި ދުވަހު، ބީޖޭޕީގެ ސަރުކާރަށް ފާޑުކިޔަމުން ސޯޝަލް މީޑިއާއަށް މެސެޖެއް ދޫކޮށްލާފައިވެއެވެ. " އެމީހުން ވަނީ ކަލޭމެންގެ މުސްތަޤުބަލު ފޭރިގެންފައެވެ. ކަލޭމެންގެ ވަޒީފާތައް ފޭރިގެންފައެވެ. މިއަދު، އެމީހުންނާ ހެދި، ކަލޭމެންގެ ދިރިއުޅުން ވަނީ ޚަރާބުވެފައެވެ." ހަޖުލެއްގެ ގޮތުގައި ފެށުނު އެ ޙަރަކާތުގެ ސަބަބުން ވަރަށް ގިނަ މީމްސްތަކާއި އަދި އޮންލައިން ސައްލާތައް ވަނީ ފެށިފައެވެ.
"އަހުރެންގެ ލޯބިވާ ކުރަފިތަކާއެވެ. މިހާރު މިދަނީ ވަގުތު ބަދަލުވަމުންނެވެ. އަހުރެމެން އެންމެން އެއްބައިވަންތަ ވާންޖެހޭނެއެވެ. އަހުރެމެންނަކީ ބަދަލު ގެންނާނެ ބަޔަކީމުއެވެ
ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.