Last Updated: July 17, 06:30
Friday, July 17, 2026
ޚަބަރު

ނޫސްވެރިޔާ ލީވާން މިނިވަންވެއްޖެ

ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރާ ހިލާފަށް ޚަބަރެއް ލިޔުނު މައްސަލައެެއްގައި ޖަލަށްލި "އަދަދު" ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު މިނިވަންވެއްޖެ އެވެ.

އޭނަ އިއްޔެ މިނިވަންވީ ކޯޓުން މި މަހުގެ 12 ވަނަ ދުވަހު އިއްވި 10 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމުމާ ގުޅިގެންނެވެ.

ލީވާން ޖަލަށްލީ "އަދަދު" ނޫހުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ގަޒުފްކޮށް ތުހުމަތު ކުރެވޭ ގޮތަށް ގެނެސްދިން ޑޮކިއުމަންޓްރީއާ ގުޅޭ ޚަބަރެއް ލިޔެގެންނެވެ. އެ ޙަބަރު އޭނަ ލިޔުނީ އެއާ ބެހޭ އެއްވެސް ވާހަކައެއް ސީދާކޮށާއި ނުސީދާކޮށް ވެސް ދައްކައިގެން ނުވާނެ ކަމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުނު ފަހުންނެވެ.

އަދި އެ އަމުރާ ހިލާފަށް "އަދަދު" ގެ ނޫސްވެރިއެއް ކަމަށްވާ މުހައްމަދު ޝަހްޒާން ރައީސް އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލު ކުރުމާ ގުޅިގެން ވެސް އޭނަގެ މައްޗަަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ. އެ ހުކުމް ޝަހްޒާން އަންނަނީ ތަންފީޒު ކުރަމުންނެވެ.

ޑޮކިއުމެންޓްރީ މައްސަލައިގައި "އަދަދު" ނޫހުގެ އެޑިޓަރު ހަސަން މުހައްމަދާއި ސީއީއޯ ހުސައިން ފިޔާޒުގެ ގަޒުފްކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވެ އެވެ.