Last Updated: July 12, 09:52
Sunday, July 12, 2026
ޚަބަރު

އެމްޑީޕީ ދޫކޮށްލެވުނީތީ މައާފަށް އެދެން: ނަޝީދު

އެމްޑީޕީއާ ވަކިވެވަޑައިގަތުމަށް ނިންމެވި ނިންމެވުމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށް އެ ޕާޓީ އުފެއްދުމުގައި ވެސް އިސްކޮށް އުޅުއްވި މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރ. ދުވާފަރުގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި އެމްޑީޕީގެ މެންބަރަކު ވަނީ 2023 ގައި ނަޝީދު އެ ޕާޓީއާ ވަކިވެ ވަޑައިގަތުމަކީ ވަރަށް ބޮޑަށް ދެރަވި ކަމެއް ކަމަށް ބުނެފަ އެވެ. އެކަމާ ގުޅިގެން ނަޝީދު ވިދާޅުވީ ނަޝީދު ވަނީ އޭރު ގިނަ ކަންތައްތަކެއް ހިނގިކަން ފާހަގަކުރައްވާ އެކަމަށް އަލިއަޅުއްވާލައްވައި މައާދަށް ވެސް އެދިވަޑައިގެންފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމާއި ރައީސްކަން ވެސް ކުރިން ކުރެއްވި ނަޝީދު ވިދާޅުވީ 2019 ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް 65 ގޮނޑި ލިބުނު ކަމަށާއި ނަމަވެސް އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަ ދެއްކެވުން ހުއްޓާލެއްވި ކަމަށެވެ.

"2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަޅުގަނޑުމެންނަށް 65 ގޮނޑި ލިބުނީ. އެ އަހަރު ނިމުނުއިރުގައި ރައީސް ސޯލިހު އަޅުގަނޑަކާ ދެން ވާހަކައެއް ނުދައްކާ،" ނަޝީދު ވިދާޅުވި އެވެ.

އޭގެ ފަހުން އަމާޒުވި ބޮމުގެ ހަމަލާއަކާ ކަމަށް ވެސް ވިދާޅުވި އެވެ

"އަޅުގަނޑު މަރާލަންވެގެން ތިން ތަނުގައި ބޮން ބަހައްޓައިގެން އައިސް ކޮންމެވެސް އެއް ތަނެއްގައި ގޮއްވާލެވުނީ. ދެން އެ ތަހުގީގުތައް ހިނގި ގޮތް." ނަޝީދު ވިދާޅުވެ އެވެ.

އެ މަނިކުފާނު ވިދާޅުވީ އޭގެ ފަހުން ކުރީގެ މަޖިލިސް މެންބަރުން ކަމަށްވާ ހަސަން ލަތީފާއި އީވާ އަބްދުﷲ އާއި އިލްޔާސް ލަބީބުގެ އިތުރުން އަބްދުﷲ ވަހީދު ވައްޑެ) ވަކިކުރަން ފިޔަވަޅު އަޅާ ކޮމިޓީއަށް ލީ ކަމަށާއި އޭރު އަލީ އާޒިމް ވެސް ޕާޓީން ވަކިކޮށްފައިވާ ކަމަށެވެ.

"ލަދެއް އަޅުގަނޑުގެ ހުރިއްޔާ އަޅުގަނޑު ދާނެތާ އެ ހިސާބުން." ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީ އަކީ އެމަނިކުފާނުގެ މުޅި ހަޔާތް ކަމަށާއި އެމަނިކުފާނަށް ވުރެ ގިނަ އަނިޔާ ލިބުނު މީހަކު އެމްޑީޕީގައި ނުހުންނާނެ ކަމަށެވެ. ދެހާސް ތޭވީހުގެ ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް އެ ޕާޓީގެ ރިޔާސީ ޓިކެޓް ހޯއްދަވަން ޕްރައިމަރީގައި ސޯލިހާ ވާދަކުރައްވައި ބަލިވެވަޑައިގަތުމުން ނަޝީދާއި އެ މަނިކުފާނުގެ ފެކްޝަންގެ ބޭފުޅުން އެމްޑީޕީ ދޫކޮށްލައްވައި ދޮ ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދި އެވެ. އަދި އެ ޕާޓީގެ ފަރާތުން ރިޔާސީ ކެންޑިޑޭޓަކަށް އިލްޔާސް ލަބީބު ނެރެ، ނަޝީދު އޭނަގެ ކެމްޕޭންގައި އިސްކޮށް އުޅުއްވި އެވެ.

ނަމަވެސް ނަޝީދާ އެކު ޑިމޮކްރެޓްސް އުފެއްދެވި ބޭފުޅުން އެ ޕާޓީ ދޫކޮށްލައްވައި އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ 2024 ގަ އެވެ.

ނަޝީދު މިހާރު ގެންދަވަނީ އަނެއްކާ ވެސް އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވާދަ ކުރައްވަމުންނެވެ. އެ އިންތިހާބު އޮންނާނީ އަންނަ މަހުގެ 12 ގަ އެވެ.