Last Updated: July 12, 09:52
Sunday, July 12, 2026
ޚަބަރު

ހިތަދޫ އުުތުރު ގޮނޑި ސަރުކާރަށް ވަރަށް މުހިއްމު

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިި ސަރުކާރަށާއި ޕީއެންސީ އަށް ވެސް ވަރަށް މުހިއްމު ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.

އެ ދާއިރާ އަށް އަލުން މެންބަރަކު ހޮވަން އަންނަ މަހު ބާއްވާ ބައި-އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އަހުމަދު ސައީދު (ސޮޑާ) ގެ ކެމްޕޭނަށް އައްޑު އަށް ކުރައްވާ ދަތުރުގެ ތެރެއިން ޝިޔާމު ވިދާޅުވީީ އައްޑޫގެ ތަރައްގީ އާއި ކުރިއެރުމަށް ސަރުކާރުން ކުރަމުން އަންނަ ކަންކަމަށްޓަކައި ވެސް އުތުރު ދާއިރާގެ ގޮނޑި ވަރަށް މުހިއްމު ކަމަށެވެ.

"އެހެންވެ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް ޕީއެންސީގެ ކެންޑިޑޭޓް ހޮވައި ދިނުމަކީ." އޭނަ ވިދާޅުވި އެވެ.

ޝިޔާމު ވިދާޅުވީ ކުރިން ވެސް އެ ގޮނޑީގައި ހުންނެވީ ޕީއެންސީގެ ބޭފުޅެއް ކަމަށެވެ. އެއީ ދަރަނީގެ މައްސަލައި މިދިޔަ މަހު ގޮނޑި ގެއްލުނު މުހައްމަދު ސިނާނެވެ.

"މި ގޮނޑި އަށް މިހާރު ވެސް ކުރިމަތިލައްވައިގެން މި ހުންނެވީ ވަރަށް ހިދުމަތްތެރި ބޭފުޅެއް. އަދި އޭނަ [ސޮޑާ] އަކީ އައްޑޫގެ ތަރައްގީ އަށް މުހިއްމޫ ކޮންކޮން ކަންތައްތަކެއްތޯ ސަރުކާރާ ހަމައަށް ގެންދިއުމުގައި ވެސް އަދި ސަރުކާރުން މި ކުރާ މަސައްކަތްތަކުގައި ސަރުކާރާ އެކީގައި ރަނގަޅަށް މަސައްކަތް ކުރައްވާނެ ބޭފުޅެއް އެއީ. އެކަމަށް އައްޑޫގެ ހުރިހާ ރައްޔިތުން ވެސް ހެކިވާނެ."

ސޮޑާ އަކީ ބައި-އިލެކްޝަންގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް އެ ޕާޓީން ބޭއްވި ޕްރައިމަރީގައި ސިނާނާ ވާދަކޮށް ނާކާމިޔާބުވި ކެންޑިޑޭޓެވެ. އެކަމަކު ފަހުން އެ ޕާޓީން ވަނީ ސިނާތު އަތުން ޓިކެޓް އަތުލައިފަ އެވެ.

އަންނަ މަހުގެ 6 ގައި ބާއްވާ ބައި- އިލެކްޝަންގައި ދެން ވާދަކުރައްވަނީ އެމްޑީޕީގެ ފަރާތުން އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ.