Last Updated: July 11, 10:23
Saturday, July 11, 2026
މުނިފޫހިފިލުވުން

ބޮބީގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް!

ރޭޕްގެ ތުހުމަތާ އެކު ޓީވީ ތަރިއެއްގެ ކެރިއަރު ހަލާކުވެގެންދާ ގޮތް ދައްކުވައިދޭ ބޮބީ ޑިއޯލްގެ ފިލްމު 'ބަންދަރު' ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ވަރަށް ގިނަ ދުވަސްތަކެއް ފަހުން ފިލްމެއްގެ ލީޑުން ބޮބީ ފެންނާނެ މި ފިލްމަކީ ކުޅަދާނަ ޑައިރެކްޓަރު އަނޫރާގް ކޭޝަޕް ޑައިރެކްޓްކޮށްފައިވާ ކްރައިމް ތުރިލާއެކެވެ. ބަންދަރު އިން ބޮބީއާ އެކު ފެންނާނެ ކާސްޓުންގެ ތެރޭގައި ސަޕްނާ ޕައްބީ، ސާނިއާ މަލްއުތުރާ، ސަބާ އާޒާދު، އިންދަރުޖީތު ސުކްމަރަން، ޖިތެންދުރަ ޖޯޝީ، ރިދީ ސެން، ރާޖް ބީ ޝެޓީ، ނާގޭޝް ބޯންސްލޭ އަދި ޖޯޖޫ ޖޯޖް ހިމެނެ އެވެ.

މި އަހަރުގެ އެންމެ އުންމީދީ ބޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި ހިމެނޭ 'ބަންދަރު' ބެލުންތެރިންނަށް ދޫކޮށްލަން އަންނަ މަހުގެ 5 އެވެ.

މި ފިލްމު މިދިޔަ އަހަރު ބޭއްވި ޓްރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް (ޓީއައިއެފްއެފް) ވެސް ޕްރީމިއާކޮށްފައިވެ އެވެ.

ބޮބީ، 57، ގެ އެންމެ ފަހުން ފެނިފައި ވަނީ ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން މިދިޔަ އަހަރު ގެނެސްދިން ސީރީޒް 'ދަ ބޭޑްސް އޮފް ބޮލީވުޑް' އިންނެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޖުލައިގައި ރިލީޒްކުރަން ހަމަޖެހިފައިވާ އާލިއާ ބަޓްގެ 'އަލްފާ' ހިމެނެ އެވެ.