Last Updated: July 17, 06:30
Friday, July 17, 2026
ޚަބަރު

ވަތަނީ ހިދުމަތުގެ ފަންނީ ޕްރޮގުރާމުން 63 ގްރެޖްއޭޓުން

ވަތަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމުން 63 ބައިވެރިޔަކު ދަސްވެނިވެއްޖެ އެވެ.

މިއީ ދިވެހި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްގެ އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޚާއްޞަ ޕްރޮގްރާމެކެވެ.

ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި އެ ފަންނީ ތަމްރީނުގައި ބައިވެރިވެފައި ވަނީ މިދިޔަ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހު ދަސްވެނިވި ޓްރެއިނިންގެ ފުރަތަމަ ބެޗުގެ ދަރިވަރުންގެ ތެރެއިން އެކަމަށް ޝައުޤުވެރިކަން ފާޅުކުރި ޒުވާނުންވެ. އެއީ 14 އަންހެން ދަރިވަރުންނާއި 49 ފިރިހެން ދަރިވަރުންނެވެ.

އެގޮތުން މި ޕްރޮގްރާމު ފުރިހަމަކުރި ދަރިވަރުންނަށް ލެވެލް 3 ގެ ސެޓްފިކެޓް ދީފައިވެ އެވެ. ބައިވެރިންނަށް މިއަދު ސެޓްފިކެޓް ހަވާލުކޮށް ދެއްވީ ޑިފެންސް މިނިސްޓަރު ހުސައިން ރަޝީދެވެ.

ފަންނީ ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ބ. ކިހާދޫގައި ހުންނަ ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސްގައެ ވެ. ހަތަރު މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި މައިގަނޑު ހަ ދާއިރާއަކުން ދަރިވަރުން ތަމްރީނުކޮށްފައުވެ އެވެ.

އޭގެ ތެރޭގައި އިލެކްޓްރިޝަން، އޮޓޯމޮބައިލް އިންޖިނިއަރިން، މެރިން އިންޖިނިއަރިން، ރެފް އެންޑް އޭސީ، އޮފީސް މެނޭޖްމެންޓް އަދި ބިލްޑިން އެންޑް ފެބްރިކޭޝަން ހިމެނެ އެވެ.

ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ޤައުމިއްޔަތަށް ލޯބިކުރާ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކުރުމަށް ސަރުކާރުން މިދިޔަ އަހަރު ފެށި ޕްރޮގްރާމެކެވެ.

ވަތަނީ ޚިދުމަތުގެ އަސާސީ ތަމްރީނުގެ ފުރަތަމަ ބުރުގެ 344 ބައިވެރިން ތަމްރީނު ފުރިހަމަކޮށް ދަސްވެނިވެފައި ވަނީ މިދިޔަ ޑިސެންބަރު މަހުގެ 28 ގަ އެވެ. ދެވަނަ ބުރުގައި މި މަހުގެ 17 ވަނަ ދުވަހު 343 ބައިވެރިން ދަސްވެނިވިފައިވެ އެވެ. އަދި އޭގެ ތެރެއިން 80 ބައިވެރިޔަކު ފަންނީ ޕްރޮގްރާމް ފުރިހަމަ ކުރަން ހަމަޖެހިފައިވެ އެވެ.

ވަތަނީ ހިދުމަތުގެ ތިން ވަނަ ބުރު ވަރަށް އަވަށް ފަށާނެ އެވެ. ތިން ވަނަ ބުރުގައި ބައިވެރިވާން ހުޅުވައިލީ މާޗް މަހުގެ ތެރޭގަ އެވެ.