Last Updated: June 12, 11:16
Friday, June 12, 2026
ވިޔަފާރި

ހެރަތެރަ އަށް ޕްރޮޕޯސަލް ހުށަހަޅަން ދިން މުއްދަތު ހަތަރު ވަނަ ފަހަރަށް އިތުރު!

ސ. ހެރަތެރަ ރިސޯޓް ކުރިން ހިންގި ބަޔަކަށް އަލުން އެތަން ހިންގަން ހަވާލު ނުކުރަން ގެނައި އިސްލާހާ ވެސް އެކު، އެ ރިސޯޓް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހަޅަން ދިން މުއްދަތު ހަތަރު ވަނަ ފަހަރަށް އިތުރުކޮށްފި އެވެ.

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން އައްޑޫގައި ތަރައްގީ ކުރި 546 އެނދުގެ ރިސޯޓް ސަބްލީސް އެގްރިމަންޓެއްގެ ދަށުން ނުވަތަ ރަށް ގަނެގެން ހިންގާނެ ބަޔަކު ހޯދުމަށް މިހާރު ޕްރޮޕޯސަލް ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީހަކީ މި މަހުގެ 28 ވަނަ ދުވަހެވެ. އެންމެ ފަހުން ހުޅުވާލި ފުރުސަތުގައި މުއްދަތު ހަމަވީ މި މަހުގެ 21 ވަނަ ދުވަހު އެވެ.

އެމްޓީޑީސީ ގެ މެނެޖިން ޑިރެކްޓަރު މުހައްމަދު މަތީން ވިދާޅުވީ މުއްދަތު ހަތަރު ވަނަ ފަހަރަށް އިތުރު ކުރީ، އެ ރިސޯޓް އެންމެ ފަހުން ހިންގި ތައިލެންޑްގެ އޮނިކްސް ހޮސްޕިޓާލިޓީއާ އެކު ހަދާފައިވާ އެގްރިމަންޓް ބާތިލްކުރުމުގެ ކަންތައްތަކަށް ވަގުތު ނެގުމުން ކަމަށެވެ.

އޭނާ ވިދާޅުވީ 546 އެނދުގެ ރިސޯޓް ހިންގާނެ ބަޔަކު ހޯދުމަށް ތަކުރާރުކޮށް މުއްދަތު އިތުރުކުރަމުން ދިޔަ ނަމަވެސް، މި މަހު 28 ގެ ފަހުން މުއްދަތު އަލުން އިތުރު ނުކުރާނެ ކަމަށެވެ.