Last Updated: July 11, 07:37
Saturday, July 11, 2026
ރިޕޯޓް

މަބުރޫރު ޙައްޖެއްގެ ޝަރުޠުތަކާއި އޭގެ މަތިވެރިކަން

އިސްލާމް ދީނުގެ ފަސްވަނަ ރުކުނަކީ ކުޅަދާނަވެގެންވާ މީހާ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމެވެ. ކޮންމެ މުސްލިމަކު ވެސް ޙައްޖަށް ދަނީ އެކަލާނގެ ރުހިވޮޑިގަތުން ހޯދުމަށާއި "މަބުރޫރު ޙައްޖެއް" ނަސީބުވޭތޯ އެވެ.

މަބުރޫރު ޙައްޖަކީ ކޮބާ؟

މަބުރޫރު ޙައްޖަކީ އެ ޙައްޖެއްގައި އެއްވެސް ފާފައެއް ނުހިމެނޭ، އަދި މާތް ޤަބޫލު ކުރައްވައިފައިވާ ޙައްޖެވެ. ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި މަބުރޫރު ޙައްޖަކީ އެ ޙައްޖަކަށްފަހު، އެމީހެއްގެ ޙާލަތު ކުރިއަށްވުރެ ރަނގަޅުވެ، ހެޔޮކަންކަމަށް އިސްކަންދޭ މީހަކަށް އެމީހާ ބަދަލުވާ ޙައްޖެވެ.

ޙައްޖު މަބުރޫރު ޙައްޖަކަށް ވާނީ ކިހިނެއް؟

ޙައްޖު މަބުރޫރު ޙައްޖަކަށް ހެދުމަށްޓަކައި ސަމާލުކަން ދޭން ޖެހޭ މުހިންމު ކަންތައްތަކެއްވެ އެވެ.

* އިޚްލާޞްތެރިކަން: ހަމައެކަނި މާތް ގެ ވަޖުހުފުޅު އަދި ރުހިވޮޑިގަތުން އެދިގެން ޙައްޖުވުން، މީސްތަކުންނަށް ދެއްކުމުގެ ނިޔަތް އޭގައި ނުހިމެނުން.
* ޙަލާލު ފައިސާ: ޙައްޖުގެ ދަތުރަށް ބޭނުންކުރާ ފައިސާއަކީ ޙަލާލު ގޮތުގައި ހޯދާފައިވާ ފައިސާއަކަށްވުން. ޙަރާމް ތަކެތިންނާއި ފައިސާއިން ކުރާ ޙައްޖެއް މާތް ﷲ ޤަބޫލެއް ނުކުރައްވާނެ އެވެ.
* ފާފަތަކުން ދުރުހެލިވުން: ޙައްޖުގެ މަތިވެރި އަޅުކަމުގެ ތެރޭގައި ޖިމާޢުވުމާއި، ފާފަކުރުމާއި އަދި ޒުވާބުކޮށް ޖަދަލުކުރުމުން ދުރުހެލިވުން.
* ސުންނަތަށް ތަބާވުން: ކީރިތި ރަސޫލާ صلى الله عليه وسلم ދަސްކޮށްދެއްވި ގޮތަށް ޙައްޖުގެ އެންމެހައި މަނާސިކުތައް ފުރިހަމައަށް އަދާ ކުރުން.

ޤުރްއާނާއި ސުންނަތުން ދަލީލު:

ކީރިތި ޤުރްއާނުގައި މާތް ﷲ ވަނީ ޙައްޖުގެ އަޅުކަމުގައި ތަޤުވާވެރިވުމަށް އަމުރުކުރައްވާފައެވެ. ސޫރަތުލް ބަޤަރާގެ 197 ވަނަ އާޔަތުގައި ވަނީ: "فَمَن فَرَضَ فِيهِنَّ الْحَجَّ فَلَا رَفَثَ وَلَا فُسُوقَ وَلَا جِدَالَ فِي الْحَجِّ" މާނައީ: "ފަހެ، އެ މައްސަރުތަކުގައި حج فرض ކޮށްގެންފި މީހާ (އެބަހީ: حج ވުމަށް قصد ކޮށް إحرام ބަނދެފިމީހާ، ދަންނާށެވެ!) ފަހެ حج ވުމުގެ ތެރޭގައި جماع ވުމެއް، އަދި އުރެދުމެއް، އަދި އަރާރުންވުމެއްވެސް ނެތެވެ."

ކީރިތި ރަސޫލާ صلى الله عليه وسلم ގެ ސުންނަތުން މަބުރޫރު ޙައްޖުގެ މަތިވެރިކަން އެނގެއެވެ. ޙަދީޘްފުޅެއްގައިވެއެވެ: "وَالْحَجُّ الْمَبْرُورُ لَيْسَ لَهُ جَزَاءٌ إِلَّا الْجَنَّةُ" (ބުޚާރީ އަދި މުސްލިމް) މާނައީ: "މަބުރޫރު ޙައްޖެއްގެ ޖަޒާއަކީ ސުވަރުގެ ނޫން އެހެން އެއްޗެއް ނޫނެވެ."

ޢިލްމުވެރިންގެ ރައުޔު:

ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި މަބުރޫރު ޙައްޖެއްގެ އެންމެ ބޮޑު ނިޝާނަކީ ޙައްޖުން އެނބުރި އައުމަށް ފަހު، އެމީހާ ދުނިޔޭގެ އެދުންތަކަށް ވުރެ އާޚިރަތުގެ ބާއްޖަވެރި ކަމަށް ބޮޑަށް ލޯބިކުރުމެވެ. ޙަސަނުލް ބަޞްރީ ރަޙިމަހު ވިދާޅުވެފައި ވަނީ: "މަބުރޫރު ޙައްޖަކީ އެ މީހާ ދުނިޔެ އަށް ފަސްދީ، އާޚިރަތަށް ކުރިމަތިލާފައިވާ ޙާލުގައި އެނބުރި އައުމެވެ."

ޚުލާޞާ:

މަބުރޫރު ޙައްޖަކީ މުސްލިމަކަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތެވެ. އެއީ އިޚްލާޞްތެރިކަމާއެކު، ޙަލާލު ތަކެތިން، އަދި ފާފަތަކުން ދުރުހެލިވެހުރެ އަދާކުރާ އަޅުކަމެކެވެ. މަބުރޫރު ޙައްޖެއް ލިބިއްޖެ މީހާގެ ފާފަތައް ފޮހެވި، އޭނާގެ ޖަޒާއަކީ ސުވަރުގެ ކަމުގައި މާތް ﷲ ލައްވައިފައިވެ އެވެ.

އެހެންކަމުން ޙައްޖަށްދާ ކޮންމެ މީހަކީ ވެސް މި ޝަރުޠުތަކަށް ސަމާލުކަންދީ، އަޅުކަން ފުރިހަމަކުރާ މީހަކަށް ވާން ޖެހެ އެވެ.

ނޯޓް: މިއީ ޑރ. މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.