Last Updated: July 17, 06:30
Friday, July 17, 2026
ޚަބަރު

ގޯއްޗާއި ފްލެޓަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ކޯއްޗާއި ފްލެޓަށް އެދި ހުށަހަޅަން ހުޅުވައިލި ފުރުސަތު އަންނަ މަހުގެ 15 އާ ހަމައަށް އިތުރުކޮށްފި އެވެ.

ކުރިން އެ ފުރުސަތު ހުޅުވާލާފައި އޮތީ މި މަހުގެ ނިޔަލަށެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނީ، ގޯއްޗާއި ފްލެޓަށް އެދުމުގެ މުއްދަތު އިތުރުކުރީ އަލުހާ އީދަކީ ގިނަ ފަރާތްތަކަކުން އާއިލާއާ އެކު ޗުއްޓީ ހޭދަކުރުމަށްޓަކައި ރަށުން ބޭރަށް ދާ ދުވަސްވަރަކަށް ވުމާއި، އީދު ބަންދާ ގުޅިގެން ސަރުކާރު ބަންދު ވެފައިވުމާއެކު، ފޯމު ހުށަހެޅުމަށް ބޭނުންވާ ލިޔެކިއުންތައް ހަމަކުރުމާއި ކަނޑައަޅައިފައިވާ މުއްދަތުގައި ފޯމު ހުށަހެޅުމުގައި ދަތިވަމުންދާ ކަމަށް ގިނަ ބަޔަކު އެ މިނިސްޓްރީއަށް ޝަކުވާ ހުށަހަޅަމުންދާތީ ކަަމަށެވެ.

އެހެންވެ މާލެ ސަރަހައްދުން ފުލެޓާއި ގޯއްޗަށް އެދި ހުޅަހަޅަން ހުޅުވާލާފައިވާ ހުރިހާ ސްކީމުތަކަށް އެދި ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ މުއްދަތު އަންނަ މަހުގެ 15 ވަނަ ދުވަހުގެ 23:59 އަށެވެ.

ސަރުކާތުން ހުޅުވާލާފައިވާ "ބޯހިޔާވަހިކަން އެންމެނަށް" މަޝްރޫއުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން މާލެ ސަރަހައްދުން 7,900 ފްލެޓް ދޫކުރުމަށް ވެސް އޮތީ ނިންމައިފައެވެ. އަދި ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ހާއްސަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅައިފަ އެވެ.

ގޯތި ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ހިމެނެ އެވެ.

މީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތަކާއި ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1,500 ގޯތި ވަނީ ހާއްސަކޮށްފަ އެވެ. އަދި ކުރީގެ ސްކީމަކުން އެކެއް ނުވަތަ ދެ ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ދަރިން ތިބި މިންވަރަށް ބަލައި، ވަކި ޝަރުތުތަކަކާއެކު 3 ކޮޓަރީގެ ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތުވެސް މި ސްކީމުން ލިބޭ ގޮތަށް އޮތީ ހަމަޖެހިފަ އެވެ.