އެމްޑީޕީގެ އާންމު މެންބަރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކިބައިން މައާފަށް އެދެން ނުޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ދުވާފަރުގައި ބޭއްވި ބައްދަލުވުމުގައި އެމްޑީޕީގެ މެންބަރުންގެ ކިބައިން މައާފަށް އެދުމަށް އެ ބައްދަލުވުމުގައި ބައިވެރިވި މީހަކު ބުނުމުން މައާފަށް އެދިވަޑައިގަތުމަށް ފަހު ނަޝީދު ވިދާޅުވީ އެމްޑީޕީގެ އާންމު މެންބަރުން ވެސް އެ މަނިކުފާނު އަރިހުން މައާފަށް އެދެން ޖެހޭ ކަމަށެވެ.
އެކަމާ ގުޅިގެން ހއ. ކެލާގައި ބޭއްވި ބައްދަލުވުމެއްގައި މީހަކު ސުވާލު ކުރުމުން މީކާއީލް ވިދާޅުވީ ނަޝީދު ކަމުގައި ވިޔަސް ނުވަތަ އެހެން ބޭފުޅަކު ކަމުގައި ވިޔަސް، އެމްޑީޕީގެ އާންމު މެންބަރުން މައާފަށް އެދެންޖެހޭނެ އެއްވެސް ކަމެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"ރައީސް ނަޝީދެއް ނޫން، އެއްވެސް މީހެއްގެ ފަރާތުން އެމްޑީޕީގެ އާންމު މެންބަރުން މައާފަށް އެދެންޖެހޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންނަކީ އެ ބޭފުޅުންގެ އަމިއްލަ މަސައްކަތުން އެ މަގާމަށް ވަޑައިގެންނެވި ބައެއް ނޫން ކަމަށާއި، އެއީ އާންމު މެންބަރުން އެތައް އަހަރެއް ވަންދެން ވީ ބޮޑެތި ގުރުބާނީތަކެއްގެ ނަތީޖާ ކަމަށްވެސް މީކާއިލް ވިދާޅުވި އެވެ.
"ރައިސް ކަމަށް ގެނައީ ވެސް އެމްޑީޕީގެ އާންމު މެންބަރުން، ރައީސް ނަޝީދުވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް. އެހެންވެ، އެ ބޭފުޅުންގެ އެ ގުރުބާނީތަކަށް ފަހު، އެ ބޭފުޅުންނަށް އެ މަގާމުތަކާއި ދާއިމަށް އެ ލިބޭ އިނާޔަތާއި ޝަރަފާއި ދެންވެސް އޮތް އެއްޗެއް އެ ލިބެނީ އެމްޑީޕީގެ އާންމު މެންބަރުންނާ ހެދި،" މީކާއީލް ވިދާޅުވި އެވެ.