ރާއްޖޭގައި ޓެކްނިކަލް ޑައިވިން ނުވަތަ ޓެކްރެކް ޑައިވިންއަށް ހުއްދަ ދިނުމާ ގުޅޭ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމުގެ މަޝްވަރާތައް ސަރުކާރުން ފަށައިފި އެވެ.
ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑުއަޑީގެ ހޮހަޅައިގެ ތެރެއަށް ފީނި އިޓަލީގެ ޑައިވަރުންތަކެއް ވަނީ މި ފަހުން މަރުވެފަ އެވެ. އަދި އެ މީހުން ސަލާމަތްކުރަން އުޅުނު އެމްއެމްޑީއެފްގެ ރެސްކިއު ޑައިވަރަކުވެސް ވަނީ މަރުވެފަ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ އެ ކަމުގެ މަޝްވަރާތައް މިހާރު ކުރަމުން އަންނަ ކަމަށާއި އެ ފަދަ ގާނޫނެއް ވުޖޫދުވުމުން ރާއްޖޭގެ ކަނޑުގެ ދިރާސާތައް ކުރުމަށް ބޭރުން އަންނަ މީހުންނާއި ޓެކްނިކަލް އެހެން ޑައިވަރުންނަށް ވެސް ފަސޭހަ ވާނެ ކަމަށެވެ.
"ޓެކްރެކް ޑައިވާސްއަކީ ސްޕެޝަލިސްޓް ގިއާ އާ އެކީގައި ވަރަށް ހާއްސަ ފެންވަރެއްގެ ޑައިވްކުރުމުގެ ތަޖުރިބާ ހުރި ބަޔަކަށް ނޫނިއްޔާ ނުކުރެވޭ ކަމަކަށްވާތީވެ ވަރަށް ހަރުދަނާ ގަވާއިދުތަކެއް ވެސް އޭގެ ތެރެއިން ހެދިގެން ރެގިއުލޭޓްކުރެވިގެން ކުރިއަށް ގެންދެވޭނެ،" މުންދު ވިދާޅުވި އެވެ.
ވ. އަތޮޅުގައި ޑައިވް ކުރަނިކޮށް އިޓަލީގެ ފަސް ޑައިވަރުން ގެއްލުނީ މިމަހުގެ 14 ވަނަ ދުވަހު އެވެ. އޭގެ ތެރެއިން އެކެއްގެ ހަށިގަނޑު އެ ދުވަހު ފެނިފައިވާއިރު ބާކީ ތިބި ހަތަރު މީހުންގެ ހަށިގަނޑު ފެނުނީ މި މަހުގެ 18 ވަނަ ދުވަހު އެވެ.