Last Updated: July 12, 09:52
Sunday, July 12, 2026
ޚަބަރު

ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނުނެގޭނެ: އަބްދުއްރަހީމް

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނުނެގޭނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވައިފި އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވެފައިވާއިރު، ނަޝީދު ދާދިފަހުން ވަނީ މިއަހަރު ނިމުމުގެ ކުރިން މި ވެރިކަން ބަދަލުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން ޕާޓީ ބަދަލުކޮށް ރައީސުލްޖުމްހޫރިއްޔާއަށް އިތުބާރު ނެތް ކަމަށް ސޮއި ކުރައްވާނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީން ވާދަކުރައްވާ އަހުމަދު ސައީދު (ސޮޑާ)ގެ ކެމްޕެއިން ލޯންޗިން ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ނަނާ ހުވަފެން ނުދެއްކެވުމަށާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނުނެންގެވޭނެ ކަމަށެވެ.

"އެކަން ކުރާކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަމޭ. ރައްޔިތުން ހައްލަން ރައްޔިތުން ވާވައްދަން ރައްޔިތުންނަށް އަވާމެންދުރު ދައްކަން ބޭނުންހާ ވާހަކައެއް ދައްކައިގެން ހޯދޭނެ ކާމިޔާބެއް ކުރިއެރުމެއް ތިބޭފުޅުންނަކަށް ނޯންނާނެއޭ. ރައްޔިތުން ތިބީ ތިބޭފުޅުންނާ އެކީގައެއް ނޫން. ރައްޔިތުން ތިބީ ޑރ. މުޢިއްޒާ އެކީގައޭ، މި ސަރުކާރާ އެކީގައޭ ޕީއެންސީއާ އެކީގައޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެމްޑީޕީއަކީ ސަރުކާރުގެ ޖަވާބުދާރީ ކުރުވަން އެއްކަމެއްވެސް ކުރާ އަދި ކުރެވޭނެ ބައެއް ވެސް ނޫން ކަމަށެވެ. އެހެންވެ ހިތަދޫ އުތުރުގެ ގޮނޑިއަށް އެމްޑީޕީގެ ކެންޑިޑޭޓަކު ވަޑައިގެން ކުރައްވާނެ އިތުރުކަމެއް ވަކި ނޯންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

އަންނަ މަހުގެ 6 ވަނަ ދުވަހު ބާއްވާ ހިތަދޫ އުތުރު ބައި އިލެކްޝަންގައި ސޮޑާއާ ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަދި އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.