މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންމްޕެނީ ލިމިޓެޑް (މިފްކޯ)ގެ ފިހާރައެއް އައްޑޫ ސިޓީގައި ހުޅުވުމަށް ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީން ވާދަކުރައްވާ އަހުމަދު ސައީދު (ސޮޑާ)ގެ ކެމްޕެއިން ލޯންޗިން ޖަލްސާގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ހުޅުމީދޫ އައިސްޕްލާންޓުން މިހާރުވެސް މިފްކޯގެ ބައެއް ބާވަތްތައް ލިބެމުން އަންނަ ކަމަށާއި ނަމަވެސް މިފްކޯއިން ކުރިއަށް އޮތް ދެ ތިން ދުވަހެއްގެ ތެރޭގައި އައްޑޫގެ ގުޅިފައިވާ ރަށްތަކުން އެ ކުންފުނީގެ ބާވަތްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަަށް ފިހާރައެއް ހުޅުވުމަށް ނިންމާފައިވާ ކަމަށެވެ.
ނަމަވެސް މި ފިހާރަ ހުޅުވަނީ އައްޑޫގެ ގުޅިފައިވާ ކޮން ރަށެއްގައިކަން ޝިޔާމް ހާމަކުރައްވާފައެއް ނުވެ އެވެ.
މީގެއިތުރުން ހިތަދޫ މިފްކޯ އައިސްޕްލާންޓާއި ޖެހިގެން ކައުންސިލުން ބިމެއް ދީފިނަމަ އެތަނުގައި ތެޔޮ ޝެޑެއް ގާއިމުކުރަން އެސްޓީއޯ އިން ވަރަށް ބޮޑަށް އިސްކަންދޭ ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.
ރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކުން ނަގަމުން އައި ޓެރިފް އިނގިރޭސި ސަރުކާރުން މެދުކަނޑާލާފައިވާކަން ފާހަގަކުރަމުން ޝިޔާމް ވަނީ ސަރުކާރުން ކުރާ ކަންކަމުގެ ނަތީޖާއަކަށް ވާނީ މަސްވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ އެތައް ގުނައަކުން އިތުރުވުން ކަމަށާއި އަދި މަސްވެރި އާއިލާތަކުގެ ފުދުންތެރިކަން އިތުރު ކުރެވޭނެ ކަމަށްވެސް ވިދާޅުވެފަ އެވެ.