Last Updated: July 12, 09:52
Sunday, July 12, 2026
ޚަބަރު

ރައީސްގެ ޔަގީންކަން: އައްޑޫގެ މަޝްރޫއުތައް ބާރަށް ކުރިއަށް ދާނެ

އައްޑޫ ސިޓީގެ ތަރައްގީގެ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީން ވާދަކުރައްވާ އަހުމަދު ސައީދު (ސޮޑާ)ގެ ކެމްޕެއިން ލޯންޗިން ޖަލްސާގައި ވާހަކަދައްކަމުން އަޒާން ވިދާޅުވީ މި ސަރުކާރުން އައްޑު އަށް ވަރަށް ގިނަ ވައުދުތަކެއް ވެފައިވާ ކަމަށާއި މަޝްރޫއުތައް ލަސްވެފައިވާ ކަމަށް ރައީސް މުއިއްޒު ވެސް ގަބޫލުފުޅުކުރައްވާ ކަމަށެވެ.

ސަރުކާރަށް ދާދިފަހުން ބަދަލުތަކެއް ގެނެސްފައިވަނީ މަޝްރޫއުތައް އަވަސް ކުރުމުގެ ބޭނުމުގައި ކަމަށާއި މި ސަރުކާރުން އައްޑުގެ މަޝްރޫއުތައް ކުރިއަށްގެންދާނެ ކަމަށް އަޒާން ވިދާޅުވި އެވެ.

"އިއްޔެ ރައީސުލްޖުމްހޫރިއްޔާއާ ވަކިން ބައްދަލުކުރުމުގެ ފުރުސަތު ލިބުނު، މި ހުރިހާ ވާހަކައެއް ހިއްސާކުރިން. ރައީސް ވިދާޅުވި މިއަދު އައްޑޫއަށް އައިސް މި ވާހަކަ އެމަނިކުފާނުގެ ފަރާތްޕުޅުން އިއްވާދޭށޭ. ސަރުކާރުން މި ހުރިހާ ކަމެއް އިރާދަކުރެވިއްޔާ ބާރު ސްޕީޑުގައި ކުރިއަށްގެންދާނެއޭ،" އަޒާން ވިދާޅުވި އެވެ.

އައްޑޫގެ މަގު ހެދުމުގެ މަޝްރޫއު ފެށުމަށް މިހާރުވެސް ތައްޔާރުވަމުންދާ ކަމަށާއި އަދި އެހެނިހެން މަޝްރޫއުތައް ވެސް ކުރިއަށްދާނެ ކަމަށް އަޒާން ވިދާޅުވި އެވެ.

ވަރަށް ބޮޑަށް ހަލާކުވެފައިވާތީ އައްޑޫ ލިންކް ރޯޑް އަލުން ތަރައްގީ ކުރަން މި ސަރުކާރުން އާރްޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އެޕްރީލް 8 ގަ އެވެ. އަދި އެ މަޝްރޫއު ރަސްމީކޮށް އިފުތިތާހުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 5 ގައި އައްޑު އަށް ކުރެއްވި ދަތުރުގަ އެވެ.

އާރްޑީސީއާ ލިންކް ރޯޑް ތަރައްގީ ކުރަން ހަވާލުކުރީ 2028 ގެ ކުރިން ނިންމާ ގޮތަށެވެ. އެގޮތުން ލިންކް ރޯޑްގެ ޖުމްލަ 12.3 ކިލޯމީޓަރުގެ ސަރަހައްދެއް ހަދާނެ އެވެ. އަދި އައްޑޫގެ ކުރިން ކުރިއަށް ގެންދިޔަ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ނެހެދި ހުރި މަގުތަކާއި ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރެއިން ކުރިއަށް ގެންގޮސް 67.58 ކިލޯމީޓަރުގައި ތާރު އަޅަން އޮތީ ނިންމައިފަ އެވެ.