Last Updated: July 11, 10:23
Saturday, July 11, 2026
މުނިފޫހިފިލުވުން

ވަރޫން އަކީ ނަސީބެއް: ޑޭވިޑް

ދަރިފުޅު ވަރޫން ދަވަން އަކީ ލިބުނު ވަރަށް ބޮޑު ނަސީބެއް ކަމަށާއި އެއީ ފަހުރުވެރި ވެސް ވާ ފަދަ ދަރިއެއް ކަމަށް ޑައިރެކްޓަރު ޑޭވިޑް ދަވަން ބުނެފި އެވެ.

ދެބަފައިން އެކީގައި މަސައްކަތް ކުރި ހަތަރު ވަނަ ފިލްމު 'ޔޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ' ގެ ޓްރެއިލާ ލޯންޗް ކުރަން މުމްބާއީގައި އިއްޔެ ބޭއްވި ހަފުލާގައި ޑޭވިޑް ވަނީ ޖަޒުބާތީވެގެން ރޮއި ވެސްފަ އެވެ. އޭނަ ބުނީ ވަރޫން އަކީ މީހަކަށް ލިބޭނެ އެންމެ ރަނގަޅު ދަރިއަށް ވާނެ ކަމަށެވެ.

"ކޮންމެ މީހަކަށް ވެސް އެފަދަ ދަރިއެއް ލިބުމަށް ވެސް އަހަރެން އެދެން." ބޮލީވުޑްގެ އެންމެ ކާމިޔާބު ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ޑޭވިޑް ބުންޏެވެ.

އޭނަ ބުނީ 'ޔޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ' އަކީ ސިއްހީ ވަރަށް ގިނަ އުނދަގޫތަކެއްގެ ތެރޭގައި އުޅެމުން ނިންމި ފިލްމެއް ކަމަށެވެ. އަދި މި ފިލްމުގެ މަސައްކަތުގައި އެންމެ ގާތުގައި އަބަދު ވެސް ވި މީހަކީ ދަރިފުޅު ވަރޫން ކަމަށް ޑޭވިޑް ބުންޏެވެ އެގޮތުން އެކި ފަހަރު މަތިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހުނު އިރު ވެސް، ބައްޕައާ އެންމެ ގާތުގައި އަބަދު ވެސް އިން މީހަކީ ވަރޫން ކަމަށް ބުންޏެވެ.

އެހެންވެ ވަރޫން އަކީ ދަރިއެއްގެ ހައިސިއްޔަތުން އާއިލާ ދެކެ ވަރަށް ލޯބިވާ އަޅާލާ ދަރިއެއް ކަމަށް ބުންޏެވެ. އަދި އެކްޓަރެއްގެ ގޮތުގައި ދަރިފުޅު އަންނަނީ ކޮންމެ ފިލްމަކުން ވެސް އޭނަގެ ހުނަރު ރަނގަޅު ކުރަމުން ކަމަށް ޑޭވިޑް ބުންޏެވެ.

ބައްޕައާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ވަރޫން ބުނީ އަންނަ މަހުގެ 5 ގައި ސިނަމާތަކަށް ދޫކޮށްލާ 'ޔޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ' އަކީ ޑޭވިޑްގެ ފިލްމުތަކަށް ލޯބިކުރާ މީހުން ބޭނުން ވާނެ ހުރިހާ ރަހައެއް އެކުލެވޭނެ، ވަރަށް ރީތި ފިލްމަކަށް ވާނެ ކަމަށެވެ. އަދި އުމުރުން 74 ގައި ވެސް ބައްޕަ ފިލްމީ މަސައްކަތް ކުރުމަކީ ވަރަށް ވެސް އުފާވާ ކަމެއް ކަމަށް ވަރޫން ބުންޏެވެ.

އޭނަ ބުނީ ދަވަން އާއިލާގެ އެންމެ އެއް މުހިއްމު މޮޓޯ އަކީ ބެލުންތެރިން ހެއްވާލައި އުފާވެރިކަން ގެނެސްދިނުން ކަމަށެވެ. އަދި އެ މަސައްކަތް ފާއިތުވި ދިގު މުއްދަތުގައި ބައްޕަ ވަރަށް ފުރިހަަމަ އަށް ކޮށްފައިވާ ކަމަށް ވަރޫން ބުންޏެވެ.

ބޮލީވުޑްގެ މިހާރުގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ ވަރުން އަކީ ޑޭވިޑްގެ ދެ ކުދިންގެ ތެރެއިން ހަގު ދަރިފުޅެވެ. ދޮށީ ދަރިފުޅު ރޯހިތު ދަވަން އަކީ ޑޭވިޑް ގޮތަށް ޑައިރެކްޓަރެކެވެ.

ޕްރޮޑިއުސަރު ރަމޭޝް ތައުރާނީގެ ޓިޕްސް އިން ގެނެސްދޭ 'ޔޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ' ގައި ވަރޫންއާ އެކު ބަތަލާއިންގެ ގޮތުގައި ފެންނާނީ މުރްނާލް ތާކޫރާއި ޕޫޖާ ހެގްޅޭ އެވެ.

މި ރޮމޭންޓިކް ކޮމެޑީގެ އިތުރު ކާސްޓުންގެ ތެރޭގައި މޯނީ ރޯއި، ޗަންކީ ޕާންޑޭ، ކުބްރާ ސައިތު، މަނީޝް ޕޯލް، ޖިމީ ޝެރްގިލް، އަލީ އަސްގަރް، އަދި މަނޯޖް ޕަހްވާ އަދި ރާކޭޝް ބޭދީ ހިމެނެ އެވެ.

ވަރޫންއާ އެކު ޑޭވިޑް ކުރިިން ގެނެސްދިން ތިން ފިލްމަކީ 2020 ގެ 'ކޫލީ ނަމްބަރު 1' އާއި 2018 ގެ 'ޖުޅުވާ 2' ގެ އިތުރުން 2014 ގެ 'ތޫ މޭރާ ހީރޯ' އެވެ.