Last Updated: April 29, 22:11
Monday, April 29, 2024
ޚަބަރު

ހެލްތު މިނިސްޓަރ އިރުތިޝާމް ކިތަންމެ އިންޒާރެއް ދިނަސް ރައްޔިތުން މިވާހަކަތައް ދައްކާނެ!

މި މަހުގެ 14 ވަނަ ދުވަހު، ލ.ގަމު ރީޖަނަލް ހޮސްޕިޓަލްގައި އޮޕަރޭޝަނެއް ކުރުމަށް ހޭނައްތާ އިންޖެކްޝަނެއް ޖެހުމަށް ފަހު ހޭނައިރައިގެން މާލެ ގެނައި އަންހެން މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ގެންދާތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

އަންހެން މީހާގެ އާއިލާގެ މީހުންނާއި ލ. އަތޮޅުގައި ދިރިއުޅެމުންދާ ރައްޔިތުންގެ ތެރެއިން މާބަނޑު އެތައް އަންހެނުންނެއް އަދިވެސް ތިބީ ބިރުވެރި ކަމުގައެވެ. އެ ބިރުވެރިކަމުގައި ރާއްޖޭގެ އަތޮޅު ތެރޭގެ ހުރިހާ ރަށެއްގެ ރައްޔިތުން ވެސް ތިއްބޭ ބުނުން ގޯހަކަށް ނުވާނެއެވެ.

އެހެން ހާދިސާއެކެވެ. 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އައިޖީއެމްއެޗް ލެބޯޓަރީގައި މަސައްކަތް ކުރާ ބިދޭސީ ޓެކްނީޝަނެއްގެ ފަރުވާ ކުޑަކަމުން އެޗްއައިވީ ލޭ އެޅުމުގެ ސަބަބުން ދިވެހި އަންހެނަކަށާއި އާއިލާއަށް ލިބިގެން ދިޔަ ނިކަމެތި ކަމަކީ، އެއްވެސް މީހަކަށް ތަަސައްވަރު ކުރެވޭނެ ފަދަ ނިކަމެތި ކަމެއް ނޫނެވެ. އެ ޙާދިސާގައި އިހުމާލުވި ފަރާތްތަކާއި މެދު ފިޔަވަޅު އެޅިފައި ނުވާއިރު، އެ މައްސަލައިގައި ހިމެނޭ ޓެކްނީޝަން ވެސް ވަނީ އެނބުރި ރަށަށް ޤައުމަށް ގޮސްފައެވެ. ފިލައިގެން ދިޔައީ އެއް ނޫނެވެ. ދިވެހި ސަރުކާރުގެ އެހީތެރިކަމާއި އެކު ފުރުވާލީއެވެ.

ދިވެހިރާއްޖޭގެ ސިއްޙީ ނިޒާމުގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ އިޙުމާލުން ދިވެހި ލޮބުވެތި ރައްޔިތުން ކޮންމެ ދުވަހަކު ވެސް ނުރައްކަލަށް ހުށަހެޅިފައިވާއިރު، އެ ރައްޔިތުންނަށް ސިއްޙީ ވުޒާރާ ހިންގެވުމާއި ހަވާލުވެ ހުންނެވި އިރުތިޝާމާ އާދަމްގެ ފަރާތުން މިއަދު ވަނީ ރައްޔިތުންނަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ.

ސިއްހީ ހިދުމަތްދޭ ތަންތަނުގެ ވާހަކަ ދެއްކުމާއި ހިދުމަތް ދޭ ފަރާތްތައް ބަދުނާމުވާ ގޮތަށް ވާހަކަ ދައްކާނަމަ އަބުރާ ބެހުމުގެ ގާނޫނުގެ ދަށުން އަދަބު ދެވޭނެ ކަމަށާއި އަދި ސިއްހީ ހިދުމަތް ދޭ ގާނޫނުގެ ދަށުން ވެސް އެ ފިޔަވަޅު އެޅޭނެ ކަމަށް މިނިސްޓަރ ވަނީ އިންޒާރު ދެއްވުމުން ރައްޔިތުން އެވާހަކަތައް ނުދައްކައި ހުއްޓާލާނެ ހެއްޔެވެ؟

ދާދި ފަހުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ވިހެއުމުގެ ތެރޭގައި ދިމާވި ޙާދިސާއެއްގެ ވާހަަކަ ހިއްސާކުރަމުން އައިޝަތުދީދީ (އަސްލުނަމެއް ނޫން) ބުނި ގޮތުގައި ހޮސްޕިޓަލުގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުގެ ފަރުވާކުޑަކަމުން ޙިދުމަތް ހޯދުމަށްދާ މީހުން ނުރައްކަލުގެ ތެރެއަށް ހުށަހެޅޭތީ އެކަމުގެ ޝަކުވާ ރައްޔިތުން ކުރާނެ ކަމަށެވެ.

" އަޅުގަނޑުގެ ދަރިފުޅަށް ދިމާވި ޙާދިސާގެ ވާހަކަ އާއި އާއިލާއަށް ލިބުނު ހިތްދަތިކަމުގެ ވާހަކަ, ހިތަދޫ ހޮސްޕިޓަލުން އިހުމާލުވި ކަންތަކުގެ ވާހަކަ ދެއްކުން، މިނިސްޓަރަކު ދޭ އިންޒާރަކުން ހުއްޓައެއް ނުލާނެ. މާބަނޑު އަންހެނަކަށް ކުރާނެ އަސަރު، މިނިސްޓަރ ކަމަނާއަށް ވިސްނިވަޑައިގަންނަވާނެ އެފަދަ ކަމެއް ތަޖުރިބާ ކުރައްވަން ޖެހިވަޑައިގަތީމަ "

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޙިދުމަތްތަކާއި ބެހޭގޮތުން، ރައްޔިތުންގެ ކަންބޮޑުވުންތައް އިތުރުވެފައިވާއިރު، ހޮސްޕިޓަލުގައި މަސައްކަތް ކުރާ އައްޑޫ އަށް ނިސްބަތްވާ މުވައްޒަފުން ވެސް ވަނީ ހޮސްޕިޓަލުގައި ހުރި މައްސަލަތަކުގެ ވާހަކަ ދައްކަން ފަށާފައެވެ.

ސޯޝަލް މީޑިޔާގައި ހޮސްޕިޓަލުގެ ތެރޭގައި ހިނގަމުންދާ ނޭދެވޭ ކަންތައްތަކުގެ ވާހަކަ ދައްކަން ފެށުމުން، ހޮސްޕިޓަލުގެ މެނޭޖްމަންޓުން ވަނީ، މުވައްޒަފުންނަށް އިންޒާރުދީ މުވައްޒަފުންގެ 'އަނގަ ބަންދު' ކޮށްލާފައެވެ.

އެހިސާބުން ވެސް އަދިވެސް އެކަމަށް ހުއްޓުމެއް ނާދެއެވެ. ހޮސްޕިޓަލުން ޚިދުމަތް ހޯދަން މަޖުބޫރުވެފައިވާ އިރު ހޮސްޕިޓަލުގެ ހާލަތު ފޮރުވަން އެއްބަޔަކު ބޭނުން ވިޔަސް މުވައްޒަފުން ތިބީ، ތަނުގެ ޙާލަތު ރައްޔިތުންނަށް ހާމަކޮށްދޭށެެވެ. ސަބަބެއް ކަމަށް އެމީހުން ބުނަނީ، އެކަށީގެންވާ ވަސީލަތްތަކެއް ނެތި ޚިދުމަތް ދިނުމަށް ދަތިވުމުން ރައްޔިތުންގެ ރުޅިވެރިކަން އެމީހުންނަށް ކޮންމެ ދުވަހަކު ވެސް އަމާޒުވަމުން ދިއުމެވެ.

" ރުޅި އައިސްގެން މީހަކު އެއްޗިހި ނުކިޔާނެ ހޮސްޕިޓަލުގެ ހަތަރު ފާރާ ދިމާލަށް. އަހަރުމެން މުވައްޒަފުންނަށް ހުރިހާ އެއްޗެއް ގޮވަނީ. އެކަމަކު ވަސީލަތް ނެތި ކިހިނެތް ޚިދުމަތް ދޭނީ. ދެން އެވާހަކަ ދެއްކީމަ ޝާހު މިބުނަނީ ނުދައްކާށޭ. ކާކަށް ކޯޗެއް ފޮރުވަންތޯ މިއުޅެނީ؟ "،

" ރުޅި އައިސްގެން މީހަކު އެއްޗިހި ނުކިޔާނެ ހޮސްޕިޓަލުގެ ހަތަރު ފާރާ ދިމާލަށް. އަހަރުމެން މުވައްޒަފުންނަށް ހުރިހާ އެއްޗެއް ގޮވަނީ. އެކަމަކު ވަސީލަތް ނެތި ކިހިނެތް ޚިދުމަތް ދޭނީ. ދެން އެވާހަކަ ދެއްކީމަ ޝާހު މިބުނަނީ ނުދައްކާށޭ. ކާކަށް ކޯޗެއް ފޮރުވަންތޯ މިއުޅެނީ؟ "، ހިތަދޫ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނަރުހަކު ބުންޏެވެ.

ސިއްހީ ދާއިރާގެ ހިދުމަތްތަކާ ބެހޭގޮތުންނާއި ސިއްހީ ހިދުމަތް ދޭ ތަންތަން ބަދުނާމުވާ ގޮތަށް ވާހަކަ ދެއްކުމުގެ ފުރުސަތު ލިބިގެން ދަނީ، ސިއްޙީ ވުޒާރާ ހިންގެވުމަށް ތިއްބެވި ބޭފުޅުންގެ އިހުމާލުން ކަމަށް ޤަބޫލުކުރެއްވުމުގެ ބަދަލުގައި ރައްޔިތުންގެ އަނގަ ބަންދު ކުރަން އަބުރުގެ ދަޢުވާ ކުރުމަކީ ޙައްލެއް ނޫނެވެ.

ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ އިހުމާލުން އާއިލާގެ މީހަކަށް ދެރައެއް ލިބުމުން އެވާހަަކަ ނުދައްކާނީ ކާކު ހެއްޔެވެ؟ ތަދުވީމާ، އައްދިޔޯއި އޭ ނުބުނެ މިނިސްޓަރަށް ބިރުން ދިވެހި ރައްޔިތުންނެއް ނުތިބޭނެއެވެ.