ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު ކަމަށް ވާދަކުރައްވަނީ މުޅި އައްޑޫގެ ތަރައްގީ އަށް ކަމަށާއި މިއީ ކޮންމެހެން ނިސްބަތްވާ ޕާޓީއަކަށްޓަކައި ކުރައްވާ ކަމެއް ނޫން ކަމަށް އަންނަ މަހު ބާއްވާ ބައި-އިލެކްޝަން ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އަހުމަދު ސައީދު (ސޮޑާ) ވިދާޅުވެއްޖެ އެވެ.
އޭނަގެ ކެމްޕޭން ލޯންޗް ކުރަން ރޭ ބޭއްވި ޖަލްސާގައި ވިދާޅުވީ މަޖިލީހަށް އިންތިހާބުވެއްޖެ ނަމަ، ސަރުކާރާ ގުޅިގެން އައްޑޫގެ ތަރައްގީ އަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވަން ހުންނަވާނީ ތައްޔާރަށް ކަމަށެވެ. ސޮޑާ ވިދާޅުވީ މެންބަރުން މަސައްކަތް ކުރަން ޖެހެނީ ޕާޓީއެއްގެ ތަރައްގީ އަށް ނޫން ކަމަށާއި މެންބަރުން މަސައްކަތް ކުރައްވަން ޖެހޭނީ އެ މީހަކު ނިސްބަތްވާ ދާއިރާއަކާއި ނިސްބަތްވާ މުޅި ސަރަހައްދުގެ ތަރައްގީ އާއި ކުރިއއެރުމަށް ކަމަށެވެ.
އަދި އެގޮތަށް މަސައްކަތް ނުކޮށް ފާޑު ކިޔާ ނަމަ އެއީ ގޯހެއް ކަމަށް ވެސް ސޮޑާ ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގައި މޫލެކެޑެ ދާއިރާގެ ރައްޔިތުން ބޭނުންވި މުހިއްމު ކަންތައްތަކެއް ކައުންސިލަރަކަށް ހުންނަވައިގެން ކޮށް ދެއްވާފައި ވާނެ ކަމަށެވެ. އެގޮތުން ހިތަދޫ އުތުރު ދާއިރާ ނޫނީ އެ އަވަށުގެ އެހެން އަވަށެއްގައި ހިނަވާގެއެއް ނުހުންނާނެ ކަމަށް ވިދާޅުވި އެވެ.
ސޮޑާ ވިދާޅުވީ އެއީ އޭނަގެ ބުރަ މަސައްކަތުން ރައްޔިތުންނަށް ކޮށް ދިން ކަމެއް ކަމަށާއި އެކަން ކޮށް ދިނީ އެހެން ބަޔަކު ކަމަށް އެއްވެސް ބަޔަކަށް ނުބުނެވޭނެ ކަމަށެވެ. އަދި ދާއިރާގެ ރައްޔިތުން އެދުނު ގޮތަށް ތަރާވީސް ކުރާނެ ތަނެއް ވެސް ހަދައި ދީފައިވާނެ ކަމަށް ވިދާޅުުވި އެވެ.
ކެމްޕޭން ޖަލްސާގައި ސޮޑާ ވިދާޅުވީ އުތުރު ދާއިރާގެ މަސްވެރިންނަށް މި ވަގުތު ދިމާވެފައި ހުރި މައްސަލަތައް ވެސް ހައްލުކޮށް ދެއްވާނީ އޭނަ ކަމަށާއި އެކަން ކޮށް ދެއްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެވަނަ ދައުރަކަށް އިންތިހާބު ކުރަން 2028 ގައި ވޯޓް ހޯދަން ވަޑައިގަންނަވާނެ ކަމަށެވެ.

އަދި ޖުމްލަކޮށް އުތުރު ދާއިރާ އަށް ކުރެވިފައި ހުރިހާ ކަމެއް ކުރެވިފައި ވާނީ އޭނަގެ މަސައްކަތުން ކަމަށާއި އަދި އެ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ސިނާންގެ ދައުރުގައި ވެސް ކަންތައްތަކެއް ކުރެވިފައި ވާނެ ކަމަށް ސޮޑާ ވިދާޅުވި އެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އޮންނާނީ އަންނަ މަހުގެ 6 ގަ އެވެ. މި އިންތިހާބުގައި ދެން ވާދަކުރައްވަނީ އެމްޑީޕީގެ ފަރާތުން އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ.