Last Updated: July 12, 06:09
Sunday, July 12, 2026
ޚަބަރު

މަޖިލީހަށް ހޮވަން ވާނީ ސަރުކާރު މެންބަރުން

ޖޫން 6 ގައި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑި އަށް މެންބަރަކު ހޮވަން ބާއްވާ ބައި-އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) ގެ ކެމްޕޭން ލޯންޗް ކުރަން މެއި 23 ވަނަ ދުވަހުގެ ރޭ ހިތަދޫގައި ބޭއްވި ޖަލްސާގެ ތެރެއިން.

ރައްޔިތުންގެ މަޖިލީހަށް ހޮވަން ވާނީ ސަރުކާރަށް ނިސްބަތްވާ މީހުން ކަމަށާއި ބޭނުންވާ ތަރައްގީ ވެސް ހޯދޭނީ އޭރުން ކަމަށް މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.

އަންނަ މަހު ބާއްވާ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ޕިއެންސީގެ ފަރާތުން ވާދަކުރައްވާ އަހުމަދު ސައީދު ސޮޑާގެ ކެމްޕޭން ލޯންޗް ކުރަން ރޭ ހިތަދޫގައި ބޭއްވި ޖަލްސާގައި އޭނަ ވިދާޅުވީ އައްޑޫ ސިޓީގައި ސަރުކާރުން ހިންގަމުން އަންނަ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން މިނިސްޓަރުން ހާޒިރުކޮށް ރައްޔިތުންގެ މަޖިލީހުގައި ސުވާލު ކުރައްވަނީ ވެސް ވެރިކަންކުރާ ޕީއެންސީގެ މެންބަރުން ކަމަށެވެ.

އަޒާން ވިދާޅުވީ މަޖިލީހުގެ މަޖިލީހުގެ މެންބަރުންނަކީ ތަރައްގީގެ މަޝްރޫއުތައް އަމަލީ ގޮތުން ހިންގަވަން ރައްޔިތުން އިންތިހާބުކުރާ ބައެއް ނޫން ކަމަށެވެ. އަދި މެންބަރުންގެ ޒިންމާއަކީ މަޝްރޫއުތައް ރައްޔިތުން ބޭނުންވާ ގޮތަށް، އެ ދުވެލީގައި ކުރިއަށްދާކަން ކަށަވަރުކުރުން ކަމަށް ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ހޮވުމުގެ މާ ކުރީއްސުރެ ސަރުކާރާ ދެކޮޅު ވިސްނުމުގައި މަސައްކަތްކުރުމުގެ އަޒުމުގައި މަޖިލީހަށް ވަޑައިގަންނަވާ މެންބަރުން އެ މަޖިލީހަށް އިންތިހާބުކޮށްފި ނަމަ ރައްޔިތުން އެދޭ އެއްވެސް ކަމެއް ނުވާނެ ކަމަށެވެ. އަދި ބައި-އިލެކްޝަންގައި އެމްޑީޕީފެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އަބްދުﷲ ސޯދިގު (ސޯބެ) ގެ ކެމްޕެއިނުގައި ކުރީގެ ރައީސް ނަޝީދު ސިފަކުރެއްވި ގޮތުން ސޯބެ މަޖިލީހަށް އިންތިހާބު ކުރަން ބޭނުން ވަނީ ޑރ.މު ޙައްމަދު މުޢިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ބިލެއް އިތުރު ކުރަން ކަމަށް ވިދާޅުވި އެވެ. އެހެންވެ ސޯބެ މަޖިލީހަށް ވައްދަން ބޭނުން ވަނީ ގައުމުގެ ހަމަޖެހުމާއި ސްޓެބިލިޓީ ނަގައިލުމަށް ކަމަށް އޭނަ ވިދާޅުވި އެވެ.

އަޒާން ވިދާޅުވީ މަޖިލީހުގައި އައްޑޫ ތަމްސީލު ކުރައްވާ މެންބަރުންގެ ތެރޭގައި އެމްޑީޕީގެ ދެ މެންބަރަކު މިހާރު ވެސް އެބަތިއްބެވި ކަމަށެވެ. އެކަމަކު މިނިސްޓަރުންން މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރައްވަނީ އަދި މަޖިލީހުގެ ކޮމިޓީތަކުގައި ވެސް އައްޑޫގެ ކަންކަމާ ގުޅޭ ގޮތުން ވަކާލާތު

ކުރައްވަނީ ޕީއެންސީގެ މެންބަރުން ކަމަށް ވިދާޅުވި އެވެ.

"އެމްޑީޕީ މެންބަރުން ވަޒީރަކު ހާޒިރުކުރައްވައިގެން އައްޑޫގެ ކަމަކާ ގުޅޭ ގޮތުން ސުވާލުކުރެއްވީ ދެ ފަހަަރަކު ކަންނޭނގޭ. ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ބަލައިލުމުންވެސް އެނގޭނެ ކޮމިޓީތަކުގައިވެސް އައްޑޫގެ ކަންކަމާމެދު ވާހަަކަ ދައްކަވަނީ ޕީއެންސީގެ މެންބަރުން. ގިނަ ފަހަރަަށް އެމްޑީޕީ މެންބަރުން މަޖިލީހަށް ހާޒިރުވެވަޑައިނުގަންނަވާ،" އޭނަ ވިދާޅުވި އެވެ. " ހާޒިރުވެވަޑައިގެންފި ނަމަ ނާސްތާ ހިއްޕެވުމަށް ފަހު ކުޑަދޮށުގައި މަޑުކުރައްވައިގެން ވާހަކަ ދައްކަވަން ތިއްބަވަނީ. އެހެންވީމާ މި ސަރުކާރު ޖަވާބުދާރީކުރުވާނީވެސް ޕީއެންސީ މެންބަރުން."

އަޒާން ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް އަޣުލަބިއްޔަތު އޮތް އިރު އެ ޕާޓީގެ ސަރުކާރުގެ މިނިސްޓަރުން ހާޒިރުކޮށްގެން ސުވާލު ވެސް ކުރައްވަން ކެރިވަޑައިނުގަންނަވާ ކަމަށެވެ.

އޭނަ ވިދާޅުވީ ވިދާޅުވީ ސޮޑާ އަކީ ކަންކަން ނުހިނގައިގެން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ބޭފުޅެއްކަން އޭނަގެ ކައުންސިލަރުކަމުގެ ދައުރުގައި ވެސް ފާހަގަކުރެވިފައވާ ކަމަށެވެ. އެހެންވެ މަޖިލީހަށް އޭނަ ހޮވައިފި ނަމަ އައްޑޫގެ ކަންކަމާ އޭނަ ސުވާލު ކުރައްވާނެ ވަރުން މިނިސްޓަރުން ތިއްބަވަން ޖެހިވަޑައިގަންނަވާނީ ސައީދާ ހެދި "ނޭވާނުލެވޭ" ހިސާބުގައި ކަމަށް ވިދާޅުވި އެވެ.