Last Updated: July 17, 06:30
Friday, July 17, 2026
ޚަބަރު

އިޓަލީ ޑައިވަރުންގެ ހަށިތައް ގައުމަށް ގެންގޮސްފި

ވ. އަތޮޅު ކަނޑު އަޑީގެ ހޮހަޅައެއްގެ ތެރެއަށް ޑައިވިނަށް ފައިބައިގެން އުޅެނިކޮށް މަރުވި އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑުތައް އިއްޔެ ގައުމަށް ގެންގޮސްފި އެވެ.

ހޮހަޅައިގެ އަޑީގައި އުޅެނިކޮށް އިޓަލީގެ ފަސް ޑައިވަރުން ގެއްލިފައި ވަނީ މިދިޔަ މި މަހުގެ 14 ވަނަ ދުވަހު އެވެ. އެ ދުވަހު ހޮހަޅައިގެ ބޭރުގައި މަރުވެފައި އޮއްވައި ފެނުނު އިޓަލީގެ ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު ކުރިން ވަނީ އިޓަލީ އަށް ގެންގޮސްފަ އެވެ.

އަނެއް ހަތަރު މީހުންގެ ހަށިތައް ނަގާފައި ވަނީ ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުން ވެސް ބައިވެރިވެގެން ކުރިއަށް ގެންދިޔަ މިޝަނެއްގަ އެވެ. އެ ހަތަރު މީހުންގެ ހަށިގަނޑު ހޮހަޅައިގެ އެންމެ އެތެރޭގެ ޗެމްބަރުގައި ތިއްބައި ހޯދީ މިދިޔަ ހަފުތާގަ އެވެ. އަދި އެ މީހުންގެ ހަށިތައް ހުރީ ހޮޅައިގެން 200 ވަރަކަށް ފޫޓު އަޑީގަ އެވެ.

އެ ހަތަރު މީހުންނަކީ:

* މޮނިކާ މޮންޓެފަލްކޯން، 51، ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރެއް
* ގިއަންލޫކާ ބެނެޑެޓީ، 41، ޑައިވިން އިންސްޓްރަކްޓަރު
* މިއުރިއަލް އޮޑެނީނޯ، 31، ޔުނިވަސިޓީގެ ދިރާސާވެރިއެއް
* ފެޑެރިކޯ ގުއަލްޓިއޭރީ، 31، ޔުނިވަސިޓީގެ ދިރާސާވެރިއެއް

ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ގެ އިއްޔެގެ ޕްރެސްގައި ވިދާޅުވީ އެ މައްސަލައާ ގުޅިގެން ދެ ތަހުގީގެއް ފަށާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް މައްސަލައަކީ ފަސް ޑައިވަރުންގެ މަރުގެ މައްސަލަ ކަމަށާއި ދެ ވަނަ ތަހުގީގަކީ ޑައިވަރުން ހޯދި އެމްއެންޑީއެފްގެ ޑައިވަރު މުހައްމަދު މަހުދީ ޑިއުޓީގައި ހުއްޓައި ނިޔާވި މައްސަލަ ކަމަށެވެ.

މުންދު ވިދާޅުވީ އަނބުރާ އިޓަލީއަށް ގެންދިޔަ މީހުންގެ ޕޯސްޓްމޯޓަމްއަށް ފަހު، އަދި އެ އޭގެ ހޯދުންތައް ދިވެހި ސަރުކާރާ ހިއްސާ ކުރާނެކަން އިޓަލީން އެއްބަސްވެފައިވާ ކަމަށެވެ.

އިޓަލީން ވަނީ މި ހާދިސާގެ ޖިނާއީ ތަހުގީގެއް ފަށައިފަ އެވެ. އެގޮތުން ޑައިވަރުންގެ ހަށިތައް އޮޓޮޕްސީ ހަދަން ނިންމާފައިވެ އެވެ.