އޮސްޓްރޭލިއާގެ ކްއީންސްލޭންޑްގައި މޫދަށް އެރި އުޅުނު މީހަކަށް މިޔަރެއް ހަމަލާ ދިނުމާ ގުޅިގެން މިއަދު މަރުވެއްޖެ އެވެ.
ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނީ މަރުވީ 39 އަހަރުގެ ފިރިހިނެއް ކަމަށެވެ. މިޔަރެއް މީހަކަށް ހަމަލާދީގެން އުޅޭކަމުގެ މައުލޫމާތު ކްއީންސްލޭންޑްގެ އިމަޖެންސީ ސާވިސް އަށް ގުޅުން އެ ސަރަހައްދަށް ފުލުހުން ގޮސް މިޔަރުގެ ހަމަލާގެ ޝިކާރައަކަށް މީހާ މޫދުން ނެގި އެވެ.
އޭނަ މޫދުން ނެގި އިރު ފުރާނަ ހުއްޓެވެ. ނަމަވެސް ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އެ މީހާ މަރުވީ މިޔަރުގެ ހަމަލާ އިން ލިބުނު ޒަހަމްތަކާ ގުޅިގެން، މޫދުން ނެގި ފަހުން ކަމަށެވެ. ނަމަވެސް އެ މީހާ އަށް ލިބުނު ގެއްލުންތަކުގެ ތަފުސީލއް ފުލުހުން ހާމައެއް ނުކުރެ އެވެ.
މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ޕާތުގައި ސްޕިއާފިޝިން އަށް އުޅުނު 38 އަހަރުގެ މީހަކަށް ވެސް މިޔަރެއް ހަމަލާ ދީގެން މަރުވެފައިވެ އެވެ.
މޫދަށް އެރޭ މީހުންނަށް މިޔަރު ހަމަލާދޭ ހާދިސާތައް އޮސްޓްރޭލިއާގައި ވަރަށް އާންމެވެ.