ބޫޓެއް ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިންޑިއާ މީހަކު ހައްޔަރުކޮށް ބަންދުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ 30 އަހަރުގެ ސޫރަޖް ކަރްވާރު ކިޔާ މީހެކެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރުމެވެ.
އޭނާގެ ބަންދު މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ދީފަ އެވެ.
އެމީހާގެ ބަންދު އަމުރުގައި ބުނެފައިވަނީ މީނާގެ ލަގެޖް ބަލައި ފާސްކުރުމުން މީނާގެ ލަގެޖްގެ ތެރެއިން ނެގި ކޮތަޅެއްގެ ތެރޭގައި އޮތް ދެ ޓެނިސް ބޫޓް ކިބަ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 2 ޕެކެޓް ފެނިފައިވާ ކަމަށެވެ. އަދި މި ތަކެތި ޓީއެޗްސީއަށް ޕޮޒިޓިވްވެފައިވާ ކަމަށް ބުނެފައިވެ އެވެ.