ފިތުނަ އުފައްދައިގެން ޕީއެންސީ ބައިބައި ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ ޕީއެންސީގެ ސެނެޓުން ރައީސް މުއިއްޒުގެ ހުށަހެޅުމެއް ބޭރުކޮށްލާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
އެގޮތުން ދާދި ފަހުން ބޭއްވި ޕީއެންސީގެ ސެނެޓު ބައްދަލުވުމުގައި ރައީް މުއިއްޒު ހުށަހެޅުއްވީ ކުރިއަށް އޮތް ޕާޓީގެ ކޮންގްރެސްގެ ހުރިހާ އިންތިޒާމުތަކެއް ކުރިއަށް ގެންދިޔުމުގެ ފުރިހަމަ ބާރު ލީޑަޝިޕަށް ދިނުމަށާއި، ލީޑަޝިޕުން ބޭނުންވާ ގޮތަކަށް އެ ކަންކަން ނިންމުމަށް ކަމަށާއި ނަމަވެސް، ސެނެޓުގެ އަގުލަބިއްޔަތުން ރައީސް މުއިއްޒުގެ މި ހުށަހެޅުއްވުމަށް ތާއީދެއް ނުލިބުނު ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.
މިކަމާ ގުޅިގެން ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ވިދާޅުވީ މިއީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށާއި މެންބަރުންގެ މަޖިލީހުން ވަކި ގޮތަކަށް ކަމެއް ނިންމާކަށް ރައީސް މުޢިއްޒު ހުށަހަޅުއްވާފައި ނުވާ ކަމަށެވެ. އަދި ޕީއެންސީއަކީ ޑިމޮކްރަސީގެ ރިވެތި އުޞޫލުން ހިންގާ ޕާޓީއެއް ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
"ފިތުނަ ފަސާދަ އުފައްދައިގެން އަޅުގަނޑުމެން ބައިބައެއް ނުކުރެވޭނެ. އަޅުގަނޑުމެން މިތިބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއެކު ސާބިތުވެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)ގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ ރައީސް މުޢިއްޒު ބޭނުނުންފުޅު ނުވާ އެއްވެސް ކަމެއް ޕީއެންސީ ސެނެޓްގައި އަދި ލީޑަރޝިޕްގައި ވެސް ނުހިނގާނެ ކަމަށާއި އެއަށް ވުރެ ރައީސް މުޢިއްޒު ދެކެ އެންމެން ލޯބިވާ ކަމަށެވެ.
"މިހެން މިކަން އޮތް ނަމަވެސް އަބަދުވެސް ރައީސް މުޢިއްޒު އިސްކުރައްވަނީ ޕާޓީގެ އަސާސީ ޤަވައިދާއި ހެދިފައިވާ އުސޫލުތަށް އަދި މަޝްވަރާގެ ރިވެތި ސިފަ،" ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ ރައީސް މުޢިއްޒު ނިމިގެންދިޔަ ޕީއެންސީ ސެނެޓް ބައްދަލުވުމުގައި ވަކިކަމެއް ވަކި ގޮތަކަށް ކުރައްވަން ހުށަަނާޅާ ކަމަށާއި މުޅި ބައްދަލުވުމުގައި ވެސް ހުރިހާ ކަމެއްވެސް ހުށަހެޅުއްވީ ސެނެޓް މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ނިންމުމަށް ކަމަށެވެ. އަދި ރައީސް މުޢިއްޒަކީ މިޤަޢުމު މިފަހުގެ ތާރީޚެއްގައި ދެކުނު މުޅި ޤަޢުމުގެ ރައްޔިތުންގެ މަޝްވަރާއާއި ލަފާ ހޯއްދަވައިގެން ހަމައެކަނި ވެރިކަންކުރައްވާ ރައީސް ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.