Last Updated: June 4, 23:58
Thursday, June 4, 2026
ޚަބަރު

ގައިދީން ބައިތިއްބާނެ އާ ޔުނިޓެއް ހުޅުވައިފި

ހުޅުމާލެ ޖަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ގައިދީން ބައިތިއްބާނެ އާ ޔުނިޓެއް ހުޅުވައިފި އެވެ.

އެ ޔުނިޓު ހުޅުބީ ކޮވިޑް ފެސިލިޓީ ހުރި ބިމުގައި އަލަށް ބިނާކުރާ 2 ފަންގިފިލާގެ އިމާރާތުގައި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުންޏެވެ. ހުޅުމާލެ ޕޮލޮޓް ނަންބަރު 10623 ގައި ދެ ފަންގިފިލާއަށް ޢިމާރާތް ކުރަނީ 140 މީހުންގެ ޖާގައިގެ ތަނެކެވެ. މި ޖަލު ޔުނިޓްގެ 5 ސެލް ބްލޮކްގެ ތެރެއިން، ފުރަތަމަ ސެލް ބޮލޮކްގެ ހުރިހާ މަސައްކަތްތަކެއް ނިންމައި، ފުރަތަމަ ބެޗްގެ 16 ޤައިދީން ހޮނިހިރު ދުވަހު ވަނީ ޔުނިޓަށް ބަދަލުކޮށްފައެވެ.

މިއީ ޙުކުމް ތަންފީޛުކުރާ ޤައިދީންގެ ތެރެއިން، ފަންނީ މަސައްކަތުގައި މާލޭ އޭރިއާގައި އުޅޭ ޤައިދީން ބޭތިއްބުމަށް، ހޯލްޑިންގ ސެލްތައް އެކުލެވޭ ގޮތަށް އާއެކު ބިނާކުރެވޭ ޔުނިޓެކެވެ.

އަދި މި މަސައްކަތުގެ ގްރައުންޑް ފްލޯގެ ހުރިހާ މަސައްކަތެއް އަންނަ މަހުގެ ތެރޭގައި ނިންމާލެވެމުން، ކޯޓްތަކަށާއި، މެޑިކަލް އަށް މާލެ ގެންނަން ޖެހޭ މީހުން ގެނެސް ބޭއްތިއްބުމަށް ބޮޑު ލުއިކަމެއްލިބި، ކުރަން ޖެހޭ ދަތުރުފަތުރުގެ ޚަރަދުތައް ކުޑަވެގެންދާނެ ކަމަށް ކަރެކްޝަނުން ބުންޏެވެ

މިހާރު ކަރެކްޝަންސް އިން މި ޚިދުމަތް ދެމުން ގެންދަނީ ޖާގައިގެ އަދި ލޮޖިސްޓިކްސްގެ ދަތިކަމާއި، މޫސުމީ ދަތިތަކާއެކު އޮފިސަރުންގެ ރިސްކް ބޮޑު ބުރަ މަސައްކަތާ އެކުގަ އެވެ.

މި މަސައްކަތާއި ގުޅޭގޮތުން ހުޅުމާލެ ޖަލުގެ ޑައިރެކްޓަރި، ޑީއެސްޕީ އަޙްމަދު ޖާދުﷲ ވިދާޅުވީ، މާލޭ ޖަލު ބަންދުކުރުމާ ގުޅިގެން ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ގައިދީން ބައިތިއްބުމަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ޔުނިޓް 6 ތަރައްގީ ކުރަނީ ޖުމްލަ 5 ގޮޅީގެ މައްޗަށެވެ. މި މަސައްކަތް އެއްކޮށް ނިމުމުން 140 ޖާގަ އިތުރުވާނެ އެވެ. އަދި މުޅި މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމައިލެވޭނެ އެވެ.