މި އަހަރުގެ އަޟްހާ އީދުގެ ފޯރި އާއި ކުލަގަދަ ސަގާފީ ހަރަކާތްތައް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ދުނިޔެ އަށް ދައްކާލުމަށްޓަކައި ރ. މީދޫގައި ހާއްސަ ކަވަރޭޖެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.
މާދަމާ އިން ފެށިގެން މި މަހުގެ 30 އަށް ކުރިއަށް ގެންދަން ނިންމާފައިވާ މި ކަވަރޭޖަކީ ރާއްޖޭގެ ރަށެއްގައި އީދު ފާހަގަކުރާ ގޮތް ބައިނަލްއަގުވާމީ ފެންވަރެއްގައި ޕްރޮމޯޓުކުރުމަށް ވީއެމްސީން ފަށާ އާ މަސައްކަތެކެވެ.
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ މަސްއޫލިއްޔަތު ނަގާ ސަރުކާރުގެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ރާއްޖެއަކީ ހަމައެކަނި މަތީ ފަންތީގެ ފަތުރުވެރިކަމަށް މަޝްހޫރު މަންޒިލެއްގެ ބަދަލުގައި، މުއްސަނދި ސަގާފަތަކާއި އަމިއްލަވަންތަ އާދަކާދަތަކެއް އޮންނަ ގައުމެއްކަން ބައިނަލްއަގުވާމީ މުޖުތަމައުއަށް ދައްކައި ދިނުން ކަމަށެވެ.
އެގޮތުން ފަސް ދުވަހުގެ މުއްދަތަށް ކުރިއަ ށްގެންދާ ކަވަރޭޖުގައި މީދޫފެ އީދު ފޯރި އާއި އާދަކާދަތަކުގެ އިތުރުން، އެ ހަރަކާތްތަކުގެ ފަހަތުގައިވާ މުހިންމު ވާހަކަތައް ވީޑިއޯ ރިޕޯޓުތަކާއި ސޯޝަލް މީޑިއާ ޕޯސްޓުތައް މެދުވެރިކޮށް ގެނެސްދޭނެ އެވެ. ވީއެމްސީން ބުނީ މިއީ ރާއްޖޭގެ ރަށްތަކުގެ ދިރިއުޅުމާއި މުޖުތަމައުގެ ބަދަހިކަން ދައްކުވައިދީ، ފަތުރުވެރިކަމުގެ ތަޖުރިބާއާއި ދިވެހި ސަގާފަތް ގުޅުވާލުމަށް ކުރާ މުހިންމު މަސައްކަތެއް ކަމަށެވެ.
މި ކަވަރޭޖުގެ ތެރެއިން ދައްކާލާނެ މުހިންމު ސަގާފީ ކަންކަމުގެ ތެރޭގައި ވެދުމާ ދިއުމާއި، ބޮޑުމަސް ބޭނުމާއި، މާލި ނެރުމުގެ އިތުރުން ކޯޑި ކެނޑުން ފަދަ އެންމެ ކުރީ ޒަމާނުން ފެށިގެން ދިވެހިންގެ ތެރޭގައި ބޮޑު އީދު ފާހަގަކުރުމަށް ކުޅެމުން އަންނަ ކުޅިވަރުތައް ހިމެނެއެވެ.
ވީއެމްސީގެ ޓީމުން މީދޫގައި މިކަމަށް މީދޫގައި މިހާރު ހަރަކާތްތެރިވަމުން އަންނަ އިރު، މި ހުރިހާ ކުޅިވަރެއްގެ ތަފްސީލުތައް އެ ކޯޕަރޭޝަނުގެ ވެބްސައިޓާއި ސޯޝަލް މީޑިއާ މަންސަތައް މެދުވެރިކޮށް ވަގުތުން ގެނެސްދޭނެ އެވެ. މީގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރަން ބޭނުންވާ ޓޫރިސްޓުންނަށް ދިވެހިންގެ އާދަކާދަތަކާ މެދު ޝައުގުވެރިކަން އުފެދިގެން ދާނެ ކަމަށް ވީއެމްސީން ބުންޏެވެ.
މި ކެމްޕޭނާ ގުޅޭގޮތުން ވިޒިޓް މޯލްޑިވްސްގެ ސީއީއޯ/އެމްޑީ އިބްރާހީމް ޝިއުރީ ވިދާޅުވީ، ރާއްޖެއަކީ ހަމައެކަނި ގުދުރަތީ ރީތިކަމެއް އޮންނަ ތަނެއް ނޫން ކަމަށާއި، އެއީ މުއްސަނދި ސަގާފަތަކާއި އާދަކާދަތަކެއް އޮންނަ ގައުމެއް ކަމަށެވެ.
"މި ކެމްޕޭނުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންނަށް ދިވެހި އީދުގެ އުފާވެރިކަމާއި ފަންނުވެރިކަން އިހުސާސް ކުރެވޭނެ،" އޭނަ ވިދާޅުވިއެވެ.
މީދޫގެ ބޮޑ އީދު ހަރަކާތްތައް ރާވައި ހިންގުމުގައި އެ ރަށުގެ ރައްޔިތުންނާއި، ރަށުގެ ޓީމުތަކުގެ އިތުރުން މީދޫ ކައުންސިލުން ދެއްވާ އެއްބާރުލުން ފާހަގަކޮށް ވީއެމްސީން ވަނީ ޝުކުރު ވެސް އަދާކޮށްފައެވެ.
މި ކެމްޕޭނުގެ ދަށުން ދުވަހުން ދުވަހަށް ގެނެސްދޭ ކަވަރޭޖަށް ފަހު، މީދޫގެ އީދު ހަރަކާތްތަކާއި ސަގާފަތާ ގުޅޭ ތަފާތު ޑޮކިއުމެންޓަރީތަކާއި އިންޓަވިއުތައް ހިމެނޭ ހާއްސަ ވީޑިއޯތަކެއް އަންނަ މަހުގެ ތެރޭގައި ވީއެމްސީގެ ޔޫޓިއުބް ޗެނަލުން އާންމުކުރާނެ އެވެ.
އެ ކުންފުނިން ބުނީ މިއީ ރާއްޖޭގެ ޓޫރިޒަމް އިތުރު ހަރުފަތަކަށް ގެންގޮސް، ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ.
ވީއެމްސީން މިދިޔަ އަހަރުގެ ބޮޑު އީދަށް ބޮލީވުޑްގެ މަޝްހޫރު ކޮރިއޮގްރާފަރު/ޑައިރެކްޓަރު ފަރާ ޚާން ގެނެސްގެން ކ. އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކޮށް، އީދުގެ ފޯރި އޭނަ މެދުވެރިކޮށް ދައްކުވައި ދީފައިވެ އެވެ.