ވަރަށް ބޮޑަށް ހަލާކުވެފައި އޮތް އައްޑޫ ލިންކް ރޯޑް ތަރައްގީ ކުރަން ބޭނުންވާ ސާމާނު މިހާރު ފޮނުވާފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ހަދަން ޖެހޭ ސާވޭގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ. މިދިޔަ ހަފުތާގައި އާރްޑީސީން ބުނީ މިހާރު ލިންކް ރޯޑްގައި ދެ ލޭން އޮންނަ އިރު، އަލަށް މަގު ތަރައްގީކުރާ އިރު، ލޭން އިތުރު ކުރަން ނިންމާފައިވާތީ މަގުގައި ހުރި ގައެެއް ގަސްތައް ނަގައި އެ ސަރައްހަދުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ލިންކް ރޯޑް ތަރައްގީ ކުރުމުގެ މަޝްރޫއު އާރްޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އެޕްރީލް 8 ،ގަ އެވެ. އަދި އެ މަޝްރޫއު ރަސްމީކޮށް އިފުތިތާހުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 5 ގައި އައްޑު އަށް ކުރެއްވި ދަތުރުގަ އެވެ.
އާރްޑީސީއާ ލިންކް ރޯޑް ތަރައްގީ ކުރަން ހަވާލުކުރީ 2028 ގެ ކުރިން ނިންމާ ގޮތަށެވެ. އެގޮތުން ލިންކް ރޯޑްގެ ޖުމްލަ 12.3 ކިލޯމީޓަރުގެ ސަރަހައްދެއް ހަދާނެ އެވެ. އަދި އައްޑޫގެ ކުރިން ކުރިއަށް ގެންދިޔަ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ނެހެދި ހުރި މަގުތަކާއި ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރެއިން ކުރިއަށް ގެންގޮސް 67.58 ކިލޯމީޓަރުގައި ތާރު އަޅަން އޮތީ ނިންމައިފަ އެވެ.
މިއީ ދައުލަތުގެ ބަޖެޓުން 829 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިޔަށް ގެންދަން ނިންމާފައިވާ މަޝްރޫއެކެވެ.
މި މަޝްރޫއު ހަވާލުކުރިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ އިރު ވެސް މަގު ހެދުމާ ގުޅޭ އަމަލީ އެއްވެސް މަސައްކަތެއް ފެށިފައި ނުވާތީ އައްޑޫގެ ވަރަށް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް މިހާރު މި ދަނޑިވަޅުގައި މި މަޝްރޫއާ ގުޅޭ ބައެއް މަސައްކަތްތައް ކުރަން ފެށީ ހިތަދޫ އިތުރު ދާއިރާގެ ބައި-އިލެކްޝަނެއް ބޯމަތިވެފައި އޮތުމުން، އެކަމަށް އަމާޒުކޮށްގެން ؛ޕީއެންސީގެ ކެންޑިޑޭޓަށް ތާއީދު ހޯދަން ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.
ހިތަދޫ އުތުރު ދާއިރާ އަށް މެންބަރަކު ހޮވަން ބާއްވާ ބައި-އިލެކްޝަން އޮންނާނީ އަންނަ މަހުގެ 6 ގަ އެވެ. އޭގައި ވާދަކުރައްވަނީ ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ފަރާތުން ހިތަދޫ މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) އާއި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ.
އައްޑޫ ލިންކް ރޯޑަކީ 2003 ގައި ބޭނުން ކުރަން ފެށި މަގެކެވެ. މި މަގުގައި ވަޅުގަނޑުތައް ހެދުމާއި އަޑިގުނޑަންތައް އިތުރުވެ ތާރުގަނޑު ވެސް ވަރަށް ބޮޑަށް ދުއްވަން ދަތިވާ ވަރަށް މަގު އޮތީ ހަލާކުވެފަ އެވެ. މި މަގަކީ ގަމާވީ ކޮޅުން ފޭދޫން ފެށިގެން ހިތަދޫގެ ކޮޅާ ހަމައަށް ދެކުނު ފަރާތުން ހަދާފައިވާ މަގެކެވެ.