Last Updated: July 12, 06:09
Sunday, July 12, 2026
ރިޕޯޓް

ޑިމޮކްރެޓްސް އުފައްދަން މަޖުބޫރުވީ ކީއްވެ؟

ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހަށް ފަހުގެ ތާރީޚެއްގައި އައި އެންމެ ބޮޑު ބަދަލަކީ، ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީ ދޫކޮށް އެ ޕާޓީގެ އިސް ސަފުގައި ތިއްބެވި ގިނަ ބަޔަކު ނުކުމެ 'ދަ ޑިމޮކްރެޓްސް' ގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމެވެ. މިއީ ހަމައެކަނި ސިޔާސީ ނިންމުމެއް ނޫނެވެ. މިއީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސިޔާސަތުތަކާ މެދު އުފެދުނު ބޮޑެތި ނުތަނަވަސްކަމާއި، ޕާޓީގެ އަސާސްތަކާ ޚިލާފަށް ކަންކަން ހިނގަން ފެށުމުން ނިންމަން ޖެހުނު ހިތްދަތި ނިންމުމެކެވެ.

މި ބަދަލު އަންނަން ދިމާވި އެންމެ ފާހަގަކޮށްލެވޭ އެއް ސަބަބަކީ، ރައީސް ޞާލިޙަށް ވެރިކަން ލިބިވަޑައިގަތުމާއެކު، އެމްޑީޕީގެ ވަފާތެރި މެމްބަރުން އެކަހެރިކުރަން ފެއްޓެވުމެވެ. ޕާޓީގެ އަސްލު ފިކުރުގެ މީހުންގެ ބަދަލުގައި، ސަރުކާރުގެ ތެރެއިންނާއި ޕާޓީގެ ތެރެއިން ފުރުޞަތު ދެވެން ފެށީ އެމްޑީޕީގެ ފިކުރާއި ކަނޑައެޅިގެން ދެކޮޅު ފިކުރުގެ މީހުންނަށެވެ. މިސާލަކަށް ރައީސުލް ޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރަކަން ދެއްވީ އަދާލަތު ޕާޓީގެ ބޭފުޅަކަށެވެ. މީހުންނަށް ވަޒީފާ ދިނުމާއި ވަކިކުރުމުގެ ޒިންމާ ދާރަކީ އޭނަ އެވެ.

ޓްރާސްޕޯޓް އެންޑް ސިވިލްއޭވިޝަން މިނިސްޓަރަކަށް ހުންނެވީ އެ ރޮނގުން އެއްވެސް ޢިލްމެއް އަދި އެއްވެސް ގާބިލުކަމެއް ނެތް ޖޭޕީގެ މެމްބަރެކެވެ. ސަރުކާރުގެ އެންމެ ބާރުގަދަ މަގާމުގައި ހޯމް މިނިސްޓަރަކަށް ހުންނެވީ އަދާލަތު ޕާޓީގެ ހަރުކަށި ދީނީ ފިކުރުގެ މެމްބަރެކެވެ. އަދިވެސް ސަރުކާރުގެ ބާރުގަދަ އެތައް ވަޒީފާތަކެއްގައި ތިއްބެވީ އެމްޑީޕީގެ ލިބެރަލް ޑިމޮކްރަޓިކް ވިސްނުން ގަބޫލު ނުކުރާ އެހެން ޕާޓީތަކުގެ މެމްބަރުންނެވެ. ނަތީޖާއަކަށްވީ، އެމްޑީޕީ އުފެއްދުމަށް ޤުރުބާނީތަކެއްވި އެތައް މެމްބަރުންނެއް ބާކީވެ، ޕާޓީގެ މިސްރާބު މުޅިން އެހެން ދިމާލަކަށް އެނބުރިގެން ދިއުމެވެ.

ރައީސް ޞާލިޙްގެ އެންމެ ގާތް އެކުވެރިޔާ އަދި ކުރީގެ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ޕާޓީގެ ތެރެއިން ކުރިމަތިކުރުވި އިހާނެތި ކަންތައްތަކަކީ ވެސް މެމްބަރުން ޕާޓީ ދޫކޮށްލަން ޖެހުނު ބޮޑު ސަބަބެކެވެ. އޭގެތެރޭގައި ނަޝީދަށް ލޯޔަލް އެތައް މެމްބަރުންނެއް އެމްޑީޕީގެ ދަފުތަރުން އުނިކުރުން ހިމެނެއެވެ. މީގެ އިތުރުންވެސް، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި، ރައީސް ނަޝީދަށް އިޙްތިރާމް ކުރުމެއް ނެތި، ޑީ.އާރު.ޕީ ފިކުރުގެ މެމްބަރުން ލައްވައި ހުތުރު ބަހުން މުޚާތަބު ކުރުވައި، އެމަނިކުފާނުގެ އަބުރު ކަތިލެއްވުމަށް ސަރުކާރުގެ ތެރެއިން ހިންގި ކަންކަމަކީ ކެތްކުރެވޭނެ ކަންކަމަކަށް ނުވިއެވެ.

މިހުރިހައި ކަމަކަށް ވުރެ ވެސް އެންމެ ހިތާމަވެރި އަދި ބިރުވެރި ހާދިސާއަކީ، މާލޭގެ މެދުގައި ބޮމެއް ގޮއްވާލައިގެން ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ލާއިންސާނީ ހަމަލާއެވެ. އެ ހަމަލާއަށްފަހު، އެކަން އިންސާފުވެރިކަމާއެކު ތަޙުޤީޤުކޮށް، އޭގެ އަޑީގައި ތިބި މީހުން ހޯދުމަށް ސަރުކާރުން ދެއްކި ފަރުވާކުޑަކަމާއި، އެކަށީގެންވާ ފިޔަވަޅު ނޭޅުމަކީ އެމްޑީޕީގެ ގިނަ މެމްބަރުންގެ އިތުބާރު ރައީސް ޞާލިހަށް މުޅިން ގެއްލިގެންދިޔަ ކަމެކެވެ.

މި ދެންނެވި ސަބަބުތަކަށްޓަކައި، ރައީސް ޞާލިޙްގެ ސިޔާސަތުތަކާއެކު އިތުރަށް ކުރިއަށް ދިއުމަށް އުނދަގޫވުމުން، "އިބޫ ނޫން ގޮތެއް" ހޯދުމުގެ މަޤްޞަދުގައި އެމްޑީޕީގެ އިޚްލާޞްތެރި މެންބަރުންތަކެއް ނުކުމެ 'ދަ ޑިމޮކްރެޓްސް' އުފެއްދެވިއެވެ. މިއީ ޕާޓީގެ އަސާސީ ފިކުރާއި، އިންސާފާއި، ހަމަހަމަކަން ދެމެހެއްޓުމަށްޓަކައި ކުރަން މަޖުބޫރުވި ސިޔާސީ ހިޖުރައެކެވެ. ރައީސް މުޙައްމަދު ނަޝީދަކީ އަދިވެސް ދިވެހިރާއްޖޭގެ ގިނަ ރައްޔިތުންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް އޮތް ޝަޚުޞިއްޔަތެކެވެ. އޭރު ރައީސް ޞާލިޙަށް ތާއީދުކުރެއްވި ބޭފުޅުން ބާރުއަޅުއްވަމުން ގެންދެވީ، ރައީސް ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުންނާ ނުލައިވެސް 2018 ކާމިޔާބު ކުރެވޭނެ ކަމަށެވެ.

ނަމަވެސް، އިންތިޚާބުގެ ނަތީޖާ ފެނިގެންދިޔައީ އެމްޑީޕީއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއެއްގެ ގޮތުގައެވެ. ޚާއްޞަކޮށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުން އެމްޑީޕީ ބަލިވެގެންދިޔައީ ލަދު ގަންނަވާލާފައެވެ. ހިތާމައަކީ، މިފަދަ ތަޖުރިބާތަކުން އެބޭފުޅުން ޢިބުރަތް ޙާޞިލުކުރާ ތަނެއް އަދިވެސް ނުފެނުމެވެ.

މިހާރު ރައީސް ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުން އަލުން އެމްޑީޕީއާ ގުޅިފައިވީ ނަމަވެސް، އެ ބޭފުޅުންނަށް އަމާޒުވާ ފުރައްސާރައާއި ޖެއްސުން ކުރުން އަދިވެސް ދަނީ ހަމަ އެގޮތުގައި ކުރިއަށެވެ. ކަންމިހެން ހުރުމާއެކު މިހާރު އުފެދޭ ސުވާލަކީ، ރައީސް ނަޝީދާއި އެމަނިކުފާނުގެ ވަފާތެރި ސަޕޯޓަރުންނާ ނުލައި، 2028 އެމްޑީޕީ އަށް ކާމިޔާބު ކޮށްދިނުމުގެ ޤާބިލުކަން އެ ބޭފުޅުންގެ ކިބައިގައި އެބަހުރިތޯ އެވެ؟

ކޮންމެއަކަސް، އެމްޑީޕީގެ ޗެއާރޕާސަން އިންތިޚާބުގެ ނަތީޖާއިން މި ސުވާލަށް ވަރަށް ފުރިހަމަ ޖަވާބެއް ލިބިގެންދާނެކަން ކަށަވަރެވެ.