އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރުކަމާ މި މަހު ހަވާލުވި މަޝްހޫރު ތަމަޅަ އެކްޓަރު ވިޖޭގެ ވަދާއީ ފިލްމު 'ޖާނާ ނަޔަގަން' އަންނަ މަހުގެ 19 ގައި ސިނަމާތަކަށް ގެންނަން މިހާރު ތާވަލުކޮށްފައިވާ ރިޕޯޓްތައް ބުނެފި އެވެ.
އެކަމަކު ފިލްމުގެ ޓީމުން އަދި އެކަން އަދި ރަސްމީކޮށް ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.
'ޖާނާ ނަޔަގަން' ރިލީޒްކުރަން އެންމެ ފުރަތަމަ ތާވަލުކުރީ މި އަހަރުގެ ޖެނުއަރީ 18 ގަ އެވެ. އެކަމަކު ވަކި މުއްދަތެއް ނެތް ގޮތަށް ފިލްމު ފަސްކުރަން ޖެހުނީ ސެންސަރު ބޯޑްގައި ފިލްމު ތާށިވުމާ ގުޅިގެންނެވެ.
ޕޮލިޓިކަލް ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ 'ޖާނާ ނަޔަގަން' އަކީ އެޗް ވިނޯދު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މީގެ ކާސްޓްގައި ބޮބީ ޑިއޯލް، ޕޫޖާ ހެގްޅޭ، ޕްރަކާޝް ރާޖް، ޕްރިޔަމަނީ އަދި ނައްސާރް ފަދަ ތަރިން ހިމެނެ އެވެ.
ޓަމިނަލް ނާޑޫ ސްޓޭޓްގެ ސްޓޭޓް އެސެމްބްލީ އިންތިހާބު ވިޖޭގެ ޕާޓީ ޓަމިލަގަ ވެއްޓްރީ ކަޒަގަމް (ޓީވީކޭ) ކާމިޔާބުކުރީ މި މަހުގެ 4 ގައި ބޭއްވި އިންތިހާބުގަ އެވެ. އަދި ޗީފް މިނިސްޓަރުކަމުގެ ހުވާކުރީ މި މަހުގެ 10 ގަ އެވެ.
އިންޑިއާގެ ދެކުނުގެ އެންމެ ނުފޫޒު ގަދަ އެކްޓަރުންގެ ތެރޭގައި ހިމެނޭ ވިޖޭގެ އެންމެ ފަހުގެ ފިލްމަކީ 2024 ގެ ދަ ގްރޭޓެސްޓް އޮފް އޯލް ޓައިމް (ގޯޓް) އެވެ.