Last Updated: July 12, 06:09
Sunday, July 12, 2026
ޚަބަރު

ޕީއެންސީ ހިނގާނީ ރައީސް މުއިއްޒު ބޭނުންވާ ގޮތަށް

ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުން ނުވާ ގޮތަކަށް ޕީއެންސީގެ ސެނެޓާއި ލީޑާޝިޕްގެ ތެރޭގައި އެއްވެސް ކަމެއް ނުހިނގާނެ ކަމަށް އެ ޕާޓީގެ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ސެނެޓުގެ އެންމެ ފަހު ބައްދަލުވުމުގައި ކޮންގްރެސް ބޭއްވުމުގެ ހުރިހާ ބާރެއް ލީޑަޝިޕަށް ދޭން މުއިއްޒު ހުށަހެޅުއްވި ހުށަހެޅުން ބޭރުކޮށްލައި، އާންމު މެންބަރުންގެ ތެރެއިން ބަޔަކު ހިމެނޭ ކޮމިޓީއަކުން ކޮންގްރެސްގެ އިންތިޒާމުތައް ކުރިއަށް ގެންދަން ނިންމައި އެ ކޮމިޓީ އެކުލަވާލި ވާހަކަ އަދަދު ބައެއް ރިޕޯޓްތައް ބުނެ އެވެ.

އެކަމަށް އިޝާރާތް ކުރައްވައި އިނގުރައިދޫ ދާއިރާގެ މެންބަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒު ދެކެ ވަރަށް ލޯބިވާ ކަމަށާއި އެމަނިކުފާނު ބޭނުންނުވާ އެއްވެސް ކަމެއް ޕާޓީގެ ތެރޭގައި ނުހިނގާނެ ކަމަށެވެ. އަދި ރައީސް މުއިއްޒު އިސްކުރައްވާނީ ޕާޓީގެ އަސާސީ ގަވާއިދާއި ހެދިފައިވާ އުސޫލުތަކާއި މަޝްވަރާގެ ރިވެތި ސިފަ ކަމަށް ފަލާހް ވިދާޅުވި އެވެ.

"ރައީސް މުއިއްޒު ނިމިގެން ދިޔަ ޕީއެންސީ ސެނެޓް ބައްދަލުވުމުގައި ވަކިކަމެއްވަކި ގޮތަކަށް ކުރައްވާކަށް ހުށަނާޅުއްވާ. މުޅި ބައްދަލުވުމުގައި ވެސް ހުރިހާ ކަމެއްވެސް ހުށަހެޅުއްވީ ސެނެޓް މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ނިންމުމަށް." އޭނަ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ޕާޓީގެ ސެނެޓު ބައްދަލުވުމުގައި ރައީސް މުއިއްޒު ހުށަހެޅުއްވީ ކުރިއަށް އޮތް ޕާޓީގެ ކޮންގްރެސްގެ ހުރިހާ އިންތިޒާމުތަކެއް ކުރިއަށް ގެންދިޔުމުގެ ފުރިހަމަ ބާރު ލީޑަޝިޕަށް ދިނުމަށާއި، ލީޑަޝިޕުން ބޭނުންވާ ގޮތަކަށް އެ ކަންކަން ނިންމުމަށެވެ.

ނަމަވެސް އެ ހުށަހެޅުން ފާސް ނުވި ކަމަށް އެނގިފައިވެ އެވެ.