Last Updated: July 22, 13:36
Wednesday, July 22, 2026
މުނިފޫހިފިލުވުން

ނަހުލާގެ 'މަޖުނޫނު' އަކީ ޝާރިފް!

ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރު ފާތުމަތު ނަހުލާގެ އާ ފިލްމު 'މަޖުނޫނު' ގެ ޓައިޓްލް ރޯލަށް އަހުމަދު ޝާރިފް ނަަގައިފި އެވެ.

މިއަދު ވަނީ ފިލްމުން އޭނަ ފެންނާނެ ގޮތުގެ ފަސްޓްލުކް ޕޯސްޓަރެއް ވެސް ދައްކާލައިފަ އެވެ.

މިދިޔަ އަހަރު ނަހުލާގެ 'ސޮރީ' ގެ ރޯލަކުން ވެސް ފެނުނު ޝާރިފަކީ މިހާރު ފިލްމީ ދާއިރާ އެންމެ ފާހަގަކޮށްލެވޭ އެއް އެކްޓަރެވެ. މިދިޔަ މަހު އޮލިމްހުގައި އެޅުވި 'ލަމްހާ' ގެ ބަތަލަކީ ވެސް ބާރަށް ކުރިއަރަމުން އަންނަ މި އެކްޓަރެވެ.

ނަހުލާ ބުނީ 'މަޖުނޫނު' ގެ ލީޑަށް ޝާރިރް ނެގީ ފިލްމުގައި ކިޔައިދޭން އުޅޭ ކެރެކްޓާ އަށް އޭނަ ވަރަށް ބޮޑަށް ފިޓްވާތީ ކަމަށެވެ. އަދި މިއީ ޝާރިފް ވަރަށް ތަފާތު، ވަރުގަދަ ރޯލެއް ފެންނާނެ ފިލްމެއް ކަމަށް އޭނަ ބުންޏެވެ.

ޝޫޓިން ރަސްމީކޮށް ފެށުމުގެ އެންމެ ފަހުގެ ތައްރީތައްވަމުން އަންނަ އިރު، 'މަޖުނޫނު' ގެ ލީޑް ބަތަލާ އަކީ މަރިޔަމް ޝިފާ އެވެ. އެހެންވެ މި ފިލްމަކީ އާންމުންގެ ތެރޭގައި ވަރަށް މަޝްހޫރު މި ބަތަލާ ނަހުލާގެ ފިލްމެއްގައި މަސައްކަތްކުރާ ފުރަތަމަ ފަހަރު ވެސް މެ އެވެ.

ޝިފާއާ ބެހޭ ގޮތުން ކުޅަދާނަ ޑައިރެކްޓަރު ބުނީ އޭނަ އަކީ އެކްޓިން ވަރަށް ރަނގަޅު ބަތަލާއެއް ކަމަށާއި ޝިފާގެ ވެސް ވަރަށް ތަފާތު ރޯލެއް މަޖުނޫނު އިން ފެންނާނެ ކަމަށެވެ.

ލޯބީގެ ވަރަށް ތަފާތު ވާހަކައެއް ކިޔައިދޭނެ މި ފިލްމުގެ މަންޒަރުތައް ނަގަން ހަމަޖެހިފައި ވަނީ މާލޭގެ އިތުރުން ރ. ފައިނުގަ އެވެ. 'މަޖުނޫނު' ގެ މުހިއްމު ރޯލަތަކަކުން 'ސޮރީ' ގެ ކާސްޓްގައި ވެސް ހިމެނުނު އަހުމަދު އީސަ އާނަންދު) އާއި ނަހުލާގެ ހަގު ދަރިފުޅު ޢާއިޝާ ލަޔާލީ ސިނާން (ލާލީ) ގެ އިތުރުން މާމަދަރިފުޅު އެވްލިން ލިވީ ފިރާޝް (އެވްލީ) ވެސް ފެންނާނެ އެވެ.

ނަހުލާ ބުނީ ހަތަރު ލަވަ ހިމެނޭ ފިލްމުން މަޝްހޫރު އިތުރު ތަރިންތަކެއް ވެސް ފެންނާނެ ކަމަށެވެ.

'މަޖުނޫން' ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައި އޮތީ އޮކްޓޯބަރު 26 ގަ އެވެ.