Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

ޢީދު ފާހަގަކުރުމުގައި މުންކަރާތްތަކުން ދުރުވާން އިލްތިމާސްކޮށްފި

ޢީދު ފާހަގަކުރުމުގައި މުންކަރާތްތަކުން ދުރުވުމަށާއި އިސްލާމް ދީނުގައި ފާހަގަކުރާ އީދުތަކަކީ މުސްލިމުންނަށް ދެއްވި ބޮޑުވެގެންވާ ނިއުމަތްތަކެއް ކަމަށް ރާއްޖޭގެ އިލްމުވެރިންގެ ގުޅުން ޖަމިއްޔާ އިން ބުނެފިއެވެ.

އިލްމުވެރިންގެ ގުޅުމުން ނެރުނު ބަޔާނެއްގައި ބުނީ ޢީދަކީ މުސްލިމުންނަށް މާތްالله ދެއްވާފައިވާ ވަރަށް ބޮޑު ނިޢުމަތެއް ކަމަށާއި އަދި އެއީ މަތިވެރި އަޅުކަންތަކެއް އަދާކުރުމަށްފަހު، އެކަމުގެ ހެޔޮ ތައުފީގު ދެއްވިކަމަށްޓަކައި ޝުކުރުވެރިވުމުގެ މާތް ދުވަސްތަކެއް ކަމަށެވެ.

އެހެންކަމުން އީދު ފާހަގަކުރުމުގެ ނަމުގައި ދީނީ އަދި އިޖުތިމާއީ މިންގަނޑުތަކުން ބޭރުވެ އަންހެނުންނާއި ފިރިހެނުން މަސްހުނިވެ ފާހިޝް ކަންތައްތަކާއި މުންކަރާތްތަކަށް އަރައިގަތުމަކީ ﷲ މަތިވެރިކުރައްވާފައިވާ ދުވަސްތަކެއްގެ ހުރުމަތް ކަނޑާލުން ކަމަށް އެ ޖަމިއްޔާ އިން ބުނެފައި ވެއެވެ.

އަދި މިފަދަކަންކަން ކުރުމަކީ އެކަލާނގެ ކޯފާއާ އަޒާބަށް ހުށަހެޅިދާނެ ނުރައްކާތެރި ކަމެއް ކަމަށާއި އެކަލާނގެ ނިއުމަތްތަކަށް ޝުކުރުވެރިވުމުގެ ބަދަލުގައި އުރެދުންތަކަށް މަގުފަހިވާކަންކަން ކުރުމަކީ ނިއުމަތްތަކަށް ކުފުރުވެރިވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފައި ވެއެވެ.

އެހެންކަމުން މި އީދުގައި ފާހިޝްކަންތައްތަކާއި މުންކަރާތްތަކުން ދުރުހެލިވެ އީދު ކުޅިވަރުގެ ނަމުގައި ދެ ޖިންސް މަސްހުނިވެ ލަވަޔާ މިޔުޒިކްގެ ހަރަކާތްތައް ބޭއްވުމާއި ފިރިހެނުންނާއި އަންހެނުންވެސް އައުރަ ނިވާނުވާގޮތަށް ހިންގާ ހަރަކާތްތަކާއި އިސްލާމީ އަހުލާގާ ހިލާފު ކަންކަމުން ދުރުހެލިވުމަށް އިލްމުވެރިންގެ ގުޅުމުން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ފަރުޟުއަޅުކަންތަކަށް ރައްކާތެރިވުމާއި ބެލެނިވެރިންނާއި މުއައްސަސާތަކުން، ރަށްރަށުގައި އީދު ހަރަކާތްތައް ހިންގަނީ އިސްލާމް ދީނުގެ އިމުގެ ތެރޭގައިތޯ ގާތުން ބަލައި ފާރަވެރިވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ހަމައެހެންމެ މި އީދުގައި އިސްލާމީ ރިވެތި އާދަތައް ދިރުވައި ގާތްތިމާގެ މީހުންނަށް ޒިޔާރަތްކޮށް ހަދިޔާ ބަދަލުކޮށް މުސްލިމުންގެ މެދުގައި ދޭދޭ ގުޅުންތައް ބަދަހިކޮށް އެހީ ފޯރުކޮށްދީ ހެޔޮކަންކަން ދިރުވާ އާލާކުރުމަށް ވަނީ އެ ޖަމިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ.