މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ފިހާރައެއް އައްޑޫ ސިޓީ ހިތަދޫގައި ހުޅުވައިފި އެވެ.
މި ފިހާރަ ރަސްމީކޮށް ހުޅުވައި ދެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް ޢަބްދުﷲ ރާފިއު އާއި މިފްކޯގެ ސީއީއޯ/މެނޭޖިން ޑިރެކްޓަރު މުހައްމަދު އަނަސް އެވެ.

މަސްފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ އަނަސް ވިދާޅުވީ އައްޑޫ އަކީ ދިވެހި މަސްވެރިކަމުގެ ސިނާޢަތާއި އަދި މިފްކޯއާ ވެސް ވަރަށް ގާތް ގުޅުމެއް އޮތް ސިޓީއެއް ކަމަށެވެ. އެހެންކަމުން މާލެ ސަރަޙައްދުން ބޭރުގައި ހުޅުވުނު މިފްކޯގެ ފުރަތަމަ މަސްފިހާރަ އައްޑޫގައި ހުޅުވިގެން ދިޔުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް އަނަސް ވިދާޅުވި އެވެ.
ސީއީއޯ ވިދާޅުވީ މި ފިހާރައާއެކު، ހުޅުމީދޫގައި މިފްކޯއިން ގާއިމުކޮށްފައިވާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް މެދުވެރިކޮށް، ލޯކަލް ޕްރޮޑަކްޝަން އިތުރަށް ފުޅާކުރެވިގެންދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އައްޑޫ ރައްޔިތުންނަށް މިފްކޯގެ އުފެއްދުންތައް ލުއި އަގެއްގައި މެދުނުކެނޑި ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވި އެވެ.

ހިތަދޫގައި މިފްކޯއިން ހުޅުވި މަސްފިހާރައަކީ މާލެ ސަރަޙައްދުން ބޭރުގައި މިފްކޯއިން ހުޅުވި ފުރަތަމަ މަސްފިހާރަ އެވެ. މި ފިހާރަ ހުންނަނީ އައްޑޫ ހިތަދޫގައި މިފްކޯއިން ހިންގާ އައިސް ޕްލާންޓް ކައިރިން ލިންކް ރޯޑަށް ވާގޮތަށެވެ. އެގޮތުން މި ފިހާރައިން މިފްކޯގެ އުފެއްދުންތައް ލިބެން ހުންނާނެ އެވެ.