މިއަދާއި އަޟްހާ އީދު ދުވަހާ ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޕޯޓުތަކުން ދެމުންގެން އަންނަ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
އެމްޕީއެލުން އާންމުކުރި ދެންނެވުމެއްގައި ބުނި ގޮތުގައި، މި ނިންމުމަކީ އީދު ބަންދާ ދިމާކޮށް ބަނދަރުގެ އޮޕަރޭޝަންތަކަށް ގެންނަ ވަގުތީ ބަދަލެކެވެ. އަދި މިއީ ކޮންމެ އަހަރަކުވެސް އީދު ބަންދާ ދިމާކޮށް އެ ކުންފުނިން އަމަލުކުރަމުން އަންނަ އާންމު އުސޫލެެއް ކަމަށް ވެސް ބުންޏެވެ.
އެމްޕީއެލުން ބުނެފައިވާ ގޮތުގައި، ކަސްޓަމަރުންނަށް ދެމުންގެން އަންނަ ހިދުމަތްތައް މެދުކަނޑާލުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން ދެ ދުވަހުގެ މުއްދަތަކަށެވެ. މި ދެ ދުވަހުގެ މުއްދަތުގެ ތެރޭގައި މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލުން ދެމުންގެންދާ އެންމެހާ އޮޕަރޭޝަނަލް ހިދުމަތްތައް ހުއްޓޭނެ ކަމަށް ބުންޏެވެ.
އަދި ދެ ދުވަހުގެ މެދުކަނޑާލުމަކަށް ފަހު، އެމްޕީއެލްގެ ހިދުމަތްތައް އާންމު އުސޫލުން އަލުން ފަށާނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 7:30 ގަ އެވެ.