ޑާކް ރެއިން އެންޓަޓައިންމަންޓުން އީދު ބޮޑު ހަދިޔާއެއްގެ ގޮތުގައި އެ ސްޓޫޑިއޯ އިން އެންމެ ފަހުން ގެނެސްދިން ފިލްމު "އަލްވަދާއު" މާދަމާ ސްޓްރީމިން އަށް ދޫކޮށްލަން ނިންމައިފި އެވެ.
މި ފިލްމު ބަލާލެވޭނީ މީޑިއާނެޓްގެ ވީޑިއޯ ކުލަބުންނެވެ.
"އަލްވަދާއު" އަކީ މިދިޔަ އަހަރު އޮލިމްޕަހުގައި އެޅުވި އެންމެ ފަހު ފިލްމުގެ އިތުރުން ޑާކް ރެއިނުން ގެނެސްދިން ދެވަނަ ފިލްމެވެ. ޑިސެންބަރު 1 ގައި އޮލިމްޕަހުގައި ޕްރީމިއާކުރި މި ފިލްމަކީ އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރި ލޯބީގެ ފިލްމެކެވެ.
"އަލްވަދާއު" ގެ ކާސްޓުންނަކީ މަރިޔަމް މަޖުދާ އާއި ޝަރަފު އަބްދުﷲ އާއި ނުޒުހަތު ޝުއައިބާއި އިސްމާއީލް ޖުމައިހާއި އައިޝަތު ލައިޝާ ލަތީފާއި ޝީލާ ނަޖީބާއީ ދަރާ މުހައްމަދު ރަޝީދެވެ.
މި ފިލްމަކީ ޝަރަފްގެ އަންހެނުން ޝަހުދާ މަހްމޫދުގެ ސްކްރީންޕްލޭއަކަށް ގެނެސްދިން ފިލްމެކެވެ.
"އަލްވަދާއު" ގެ އިތުރުން ޑާކް ރެއިނުން މިދިޔަ އަހަރު ގެނެސްދިން ފުރަތަމަ ފިލްމަކީ އެކްޝަން ތުރިލާ "އަލިފާން" އެވެ.