ކަރެކްޝަނަލް ސާވިސްގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕްރިޒަންސްގެ މަގާމުން މިދިޔަ އަހަރު ރިޓަޔާކުރެއްވި އިބްރާހިމް މުހައްމަދުދީދީ އަށް ރިޓަޔާމަންޓް ފައިސާ އާއި އިނަޔާތްތައް ހަތަރު މަސް ދުވަސްވީ އިރު ނުދީގެން، އެ ފައިސާ އެއްފަހަރާ ދޭން ކަރެކްޝަންސްގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
ވިހި އަހަރެއްޖާ ދުވަހު ހިދުމަތް ކުރެއްވުމަށް ފަހު އޭނަ ރިޓަޔާކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު 26 ގަ އެވެ.
އިބްރާހިމް މުހައްމަދުދީދީ ރިޓަޔާކުރެއްވިތާ ގާތްގަނޑަށް ފަސް މަސް ދުވަސްވާން ކައިރިވެފައިވާއިރު، ރިޓަޔާކުރުމާ ގުޅިގެން ލިބެން ޖެހޭ އެއްވެސް ފައިސާއެއް އަދި އިނާޔަތެއް ވެސް ނުލިބިގެން އެ ފައިސާ ހޯދަން ސިވިލް ކޯޓަށް ހުށަހެޅުއްވީ މިދިޔަ މަހުގެ ތެރޭގަ އެވެ.
އެ މައްސަލާގައި އެދިފައިވަނީ ރިޓަޔާކުރުމުން ދޭންޖެހޭ ފައިސާ ހެލްތު އިންޝުއުރެންސް ހިމެނޭހެން ކޮމިޝަންްޑް އޮފިސަރުންނަށް ދޭންޖެހޭ އިނާޔަތްތައް މައްސަލަ ނިންމާތާ 14 ދުވަސްތެރޭ ދިނުމަށް ކަރެކްޝަންސްގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.
އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން އެ މައްސަލާގައި ނިންމާފައި ވަނީ ކުރިއަށް އޮތް 14 ދުވަސްތެރޭ އެ ފައިސާ ދިނުމަށެވެ. އެގޮތުން، ރިޓަޔާކުރުމުން އެކީ އެއްފަހަރާ ދޭން ޖެހޭ ފައިސާ އާއި ރިޓަޔާކުރުމާ ބެހޭ ގަވާއިދުގެ ދަށުން ހަމަޖައްސައި، ހެލްތު އިންޝުއަރެންސް ވެސް އެ މުއްދަތުގައި ހަމަޖައްސައި ދިނުމަށް ކަރެކްޝަންގެ މައްޗަށް އަމުރުކޮށްފައިވެ އެވެ.