އައްޑޫ ހުޅުމީދޫ ސިއްހީ މަރުކަޒުުގައި އަލުން އެކްސްރޭގެ ހިދުމަތާއި ޕިޒިއޮތެރަޕީގެ ހިދުމަތް ފަށައިފި އެވެ.
އެތަނުން ބުނީ ޞިއްޙީ މަރުކަޒުން ދާއިމީ ގޮތެއްގައި އެ ދެ ހިދުމަތް ވެސް ލިބޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން ދާއިމީ ރޭޑިއޯގްރާފަރަކާއި އެކު، ބަލިމީހުންނަށް އިތުބާރު ހުރި ގޮތެއްގައި، މެދުނުކެނޑި އެކްސްރޭގެ ޚިދުމަތްތައް ފޯރުކޮށް ދިނުމުގެ ފުރުޞަތު މިހާރު ފަހިވެފައިވާ ކަމަށް ހުޅުމީދޫ ސިއްހީ މަރުކަޒުން ބުންޏެވެ. އަދި ތަޖުރިބާކާރު ފިޒިއޮތެރަޕިސްޓެއްގެ އިރުޝާދުގެ ދަށުން، އިތުބާރު ހުރި ރިހެބިލިޓޭޝަން އަދި ރިކަވަރީގެ ޚިދުމަތްތައް މެދުކެނޑުމެއް ނެތި
ފޯރުކޮށް ދެވޭނެ ކަމަށް ސިއްހީ މަރުކަޒުން ބުންޏެވެ.
އައްޑޫގެ މީހުން އުޅޭ އެހެން އަވަށްތަކާ ވަކިން އޮންނަ ހުޅުމީދޫގެ ސިއްހީ މަރުކަޒަކީ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ޑޮކްޓަރުން ވެސް ކޮންމެ ހަފުތާއަކު ޒިޔާރާތްކޮށް، ބަލިމީހުންނަށް ފަރުވާ ދެމުން އަންނަ ތަނެކެވެ.
ހުޅުމީދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށް ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފެބްރުއަރީ 19، 2024 ގައި އެ ރަށަށް ކުރެއްވި ދަތުރުގައި ވިދާޅުވެފައިވެ އެވެ.