ބޮޑު އީދާ ދިމާކޮށް، ކަސްޓަމަރުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށް ދިނުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އިން ހާއްސަ ޑޭޓާ އޮފާތަކެއް އިއުލާނުކޮށްފި އެވެ.
އެ ކުންފުނުން ބުނީ މި އޮފާތަކަކުގެ މަގުސަދަކީ އީދުގެ އުފާވެރިކަން އާއިލާ އާއި ރައްޓެހިންނާ ހިއްސާކުރުމަށާއި، ހަލުވި ސްޕީޑުގައި އިންޓަނެޓުގެ ހިދުމަތް ތަޖުރިބާކުރުމުގެ ފުރުސަތު ކޮންމެ ކަސްޓަމަރަކަށް ވެސް ފަހިކޮށް ދިނުން ކަމަށެވެ.
އެގޮތުން އީދު ޕްރޮމޯޝަންގެ ދަށުން ތައާރަފުކުރި އެންމެ ފާހަގަކޮށްލެވޭ އެއް އޮފާއަކީ "އަވާލީ ޑޭޓާ ޕެކް" އެވެ. މިއީ އެންމެ 20ރ. އަށް ގަޑިއިރަކަށް 26 ޖީބީގެ ޑޭޓާ ލިބޭ ޕެކެކެވެ.
އުރީދޫން ބުނީ މި ޕެކަކީ އީދުގެ ފޯރިގަދަ ވަގުތުތަކުގައި ސޯޝަލް މީޑިއާގައި ވަގުތުން ސްޓްރީމްކުރުމަށާއި، ގިނަ އަދަދެއްގެ ފޮޓޯ އާއި ވީޑިއޯ އަޕްލޯޑުކޮށް ހިއްސާކުރުމަށް ވަރަށް އެކަށީގެންވާ ޕެކެއް ކަމަށެވެ.
މީގެ އިތުރުން، ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން 100 ޖީބީގެ "ވެލިއު ޝެއާ ޕެކް" ތަކެއް ވެސް ވަނީ ތައާރަފުކޮށްފައެވެ. މި ޕެކްތައް ފަރުމާކޮށްފައި ވަނީ އަމިއްލަ ބޭނުމަށް ބޭނުން ކުރުމުގެ އިތުރުން، ގާތް މީހުންނާ ޑޭޓާ ހިއްސާކުރެވޭ ގޮތަށެވެ. އެގޮތުން، ގާތް މީހުންނާ ހިއްސާކުރެވޭ ޕެކްތަކުގެ ތެރޭގައި 300ރ. އަށް 10 ދުވަހަށް ލިބޭ 100 ޖީބީގެ ޕެކަކާއި، 200ރ. އަށް 5 ދުވަހަށް ލިބޭ 100 ޖީބީގެ ޕެކެއް ހިމެނެއެވެ. މި ޕެކްތަކުން ލިބޭ 100 ޖީބީގެ ތެރެއިން 40 ޖީބީ ކަސްޓަމަރުގެ އަމިއްލަ ބޭނުމަށް ކަނޑައެޅިފައިވާ އިރު، ބާކީ 60 ޖީބީ ދެ މީހަކާ ހިއްސާކުރެވޭނެއެވެ.
ހިއްސާކުރާ ޑޭޓާ ބަހާލެވޭނީ ދެ ޕްރީޕެއިޑް ނަންބަރަކަށެވެ. އެއީ ކޮންމެ ނަންބަރަކަށް 30 ޖީބީގެ މަގުންނެވެ.
ޑޭޓާ ހިއްސާކުރުމުގެ ބަދަލުގައި ހަމައެކަނި އަމިއްލަ ބޭނުމަށް 100 ޖީބީގެ ޕެކް ނަގަން ބޭނުންވާ ފަރާތްތަކަށް ވެސް އުރީދޫން ވަނީ ލުއި ގޮތްތަކެއް ހަމަޖައްސައި ދީފަ އެވެ. އެގޮތުން، އަމިއްލަ ބޭނުމަށް ނެގޭ ޕެކްތަކުގެ ތެރޭގައި 150ރ. އަށް 5 ދުވަހަށް ލިބޭ 100 ޖީބީގެ ޕެކަކާއި، 100ރ. އަށް 3 ދުވަހަށް ލިބޭ 100 ޖީބީގެ ޕެކެއް ހިމެނެއެވެ.
މިއީ އީދު ބަންދުގައި ގޭގައި ތިބެގެން ފިލްމު ބެލުމަށާއި އިންޓަނެޓުގެ އެކި ބޭނުންތަކަށް ގިނައިން ޑޭޓާ ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްފައިވާ ޕެކްތަކެކެވެ.
މީގެ އިތުރުން އީދުގެ ހަދިޔާއެއްގެ ގޮތުގައި ގާތް މީހުންނަށް ޑޭޓާ ޕެކް ހަދިޔާކުރާ ކަސްޓަމަރުންނަށް އިތުރު ބޯނަސް ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ވެސް އުރީދޫން ވަނީ ފަށައިފަ އެވެ. މީގެ ދަށުން، ފުރަތަމަ ޕެކް ހަދިޔާކުރުމުން 4 ގަޑިއިރަށް 1 ޖީބީގެ ހިލޭ ޑޭޓާ ލިބޭނެއެވެ. ދެވަނަ ޕެކް ހަދިޔާކުރުމުން 6 ގަޑިއިރަށް 10 ޖީބީ ލިބޭއިރު، ތިންވަނަ ޕެކް ހަދިޔާކުރުމުން 4 ގަޑިއިރަށް 100 ޖީބީ ލިބޭނެއެވެ. އަދި ހަތަރުވަނަ ޕެކް ހަދިޔާކުރުމުން 4 ގަޑިއިރަށް 200 ޖީބީގެ ބޮޑު ޑޭޓާ އެލަވަންސެއް ހިލޭ ލިބޭނެ އެވެ.
އަދި "މަގޭ ޕްލޭން" ބޭނުންކުރާ ކަސްޓަމަރުންނަށް ވެސް އީދު ހަދިޔާއެއް ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން، އީދު ބަންދާ ދިމާކޮށް މަގޭ ޕްލޭން އެކްޓިވޭޓްކުރާ ކޮންމެ ފަރާތަކަށް އިތުރު 25 ޕަސަންޓް ބޯނަސް ޑޭޓާ ލިބޭނެ އެވެ.
އުރީދޫން ބުނީ މި ހުރިހާ އޮފާތަކެއް ވެސް ކަސްޓަމަރުންނަށް ވަރަށް ފަސޭހަކަމާއެކު ސީދާ އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓްކޮށްލެވޭނެ ކަމަށެވެ.