ދެ ކައިވެނި ރޫޅިފައިވާ ހޮލީވުޑްގެ ތަރި، ބްރެޑް ޕިޓް މި އަހަރުގެ ތެރޭގައި ކައިވެނި ކުރަން ޕްލޭންކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިހާރު އުމުރުން 62 އަހަރުގެ އެކްޓަރު 2022 އިން ފެށިގެން ރައްޓެހިވެގެން އުޅެނީ ސްވިޓްޒަލޭންޑަށް ނިސްބަތްވާ ގަހަނާ ޑިޒައިނަރެއް ކަމަށްވާ އިނެސް ޑި ރާމޯން، 33، އާ އެވެ.
މީޑިއާތަކުން ބުނީ ޕިޓާއި އިނެސް، އެ މީހުންގެ ގުޅުމާ މެދު ވަރަށް ސީރިއަސް ކަމަށެވެ. އެހެންވެ ކައިވެނީގެ ވާހަކަތައް ވެސް އަންނަނީ ދެކެވެމުންނެވެ. އެކަމަކު އަވަސް އަރުވާލައިގެން ކައިވެނި ކުރުމުގެ ވިސްނުމެއް ޕިޓް ނުގެންގުޅުނު ނަމަވެސް، މި އަހަރުގެ ތެރޭގައި ޕިޓާއި އިނެސްގެ ކައިވެނި ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ޑެއިލީ މެއިލުން ބުނެފައިވެ އެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އަދި އޮސްކާ އެވޯޑް ވެސް ހާސިލުކޮށްފައިވާ ޕިޓް، ކުރިން ކައިވެނިކުރީ ހޮލީވުޑްގެ މަޝްހޫރު ބަތަލާއިންތަކަކާ އެވެ. އޭނަ އެންމެ ފުރަތަމަ ކައިވެނިކުރީ މަޝްހޫރު ސިޓްކޮމް 'ފްރެންޑްސް' އިން އިން ވިދި ބަތަލާ ޖެނިފާ އެނިސްޓަނާ އެވެ. ދެހާސް ވަނަ އަހަރު ކުރި އެ ކައިވެނި ރޫޅައިލީ 2005 ގަ އެވެ. އޭގެ ފަހުން 2014 ގައި ޕިޓް ކައިވެނިކުރީ އެކީގައި ފިލްމުތަކެއް ވެސް ކުޅުނު ބަތަލާ އެންޖެލީނާ ޖޯލީއަ އެވެ. ހަ ކުދިން ވެސް ލިބިފައި ވަނިކޮށް އެ ކައިވެނި ރޫޅައިލީ 2019 ގަ އެވެ.
ހޮލީވުޑްގެ އެންމެ ނުފޫޒު ގަދަ އެކްޓަރުންގެ ތެރޭގައި ހިމެނޭ ޕިޓްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ 'އެފް1' އެވެ.