ސަރުކާރު މުވައްޒަފުންގެ މި މަހުގެ މުސާރަ ދޭނީ ބުރާސްފައްޗާއި އާދީއްތަ ދުވަހު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން މިއަދު ބުނީ ވައްޒަފުންނަށް މުސާރަ ޖަމާކުރުމުގެ ކަންކަން މިގޮތަށް ތަރުތީބުކުރީ ކުރިއަށް އޮތް އަޟްހާ އީދު ބަންދާއި، އެ ދުވަސްވަރު ބޭންކުތައް ހުޅުވާފައި ހުންނާނެ ވަގުތުތަކަށް ރިއާޔަތް ކުރުމަށް ފަހު ކަމަށެވެ.
އަޟްހާ އީދު ބަންދާ ގުޅިގެން ސަރުކާރުގެ އޮފީސްތައް މިދިޔަ ހުކުރު ދުވަހުން ފެށިގެން ބަންދުކޮށްފައިވާ އިރު، އޮފީސްތައް އަލުން ހުޅުވޭނީ މި މަހުގެ 31 ގަ އެވެ.
މި ބަންދު ދުވަސްތަކުގެ ތެރެއިން ބޭންކުތައް ހުޅުވުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހުއެވެ.
ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ކޮންމެ މަހެއްގެ މުސާރަ ދޫކުރަން ޖެހެނީ އެ މަހެއްގެ ރަސްމީ ބަންދު ނޫން ފަހު ތިން ދުވަހުގެ ތެރޭގަ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި މާލިއްޔަތު ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން މުސާރަ ދޫކުރުމަށް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ސަރުކާރުން އެކަން ކުރިއަށް ގެންދާނެ އެވެ. އެހެންވެ ބުރާސްފައްޗާއި އާދީއްތަ ދުވަހު ހުރިހާ މުވައްޒަފުންނަށް މުސާރަ ޖަމާކޮށް ނިންމާނެ އެވެ.