Last Updated: July 22, 18:06
Thursday, July 23, 2026
ރިޕޯޓް

ބަފައިންނަށް ކުދިން ނިސްބަތް ކުރާށެވެ!

ދަރިންނަކީ މާތް اللهُ އިންސާނާއަށް ދެއްވާ އެންމެ އަގުބޮޑު ނިޢުމަތެވެ. މި ނިޢުމަތުގެ ޝުކުރު އަދާކުރުމުގެ ގޮތުންނާއި، އެކުދިންނަށް ދޭންޖެހޭ ޙައްޤުތައް ފުރިހަމަކުރުމުގެ ގޮތުން އެންމެ ފުރަތަމަ ކުރަންޖެހޭ އެއް ކަމަކީ ރަނގަޅު މާނައެއް ދޭހަވާ ނަމެއް ކިޔުމެވެ. މިކަމަކީ އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅާ ކަމެކެވެ. މިއީ ހަމައެކަނި ކުއްޖާ އަށް ގޮވައިލުމަށް ބޭނުންކުރާ ނަމެއް ނޫނެވެ. އެއީ އެ ކުއްޖާގެ ޝަޚްޞިއްޔަތާއި، ދީނީ އައިޑެންޓިޓީއާ ގުޅިފައިވާ މުހިންމު ކަމެކެވެ.

ކުއްޖަކު ދުނިޔެއަށް އުފަންވުމަށް ފަހު، އެ ކުއްޖާއަށްޓަކައި ބެލެނިވެރިން ކޮށްދޭ ފުރަތަމަ އަދި އެންމެ މުހިންމު އެއް ކަމަކީ ހެޔޮލަފާ ރަނގަޅު ނަމެއް އިޚްތިޔާރު ކުރުމެވެ. މިއީ ކުއްޖާގެ މުޅި އުމުރަށް އެކުއްޖާއާއެކު ދެމިއޮންނާނެ ނަމެކެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ކުއްޖާގެ ނަމާއި އެކުއްޖާގެ މިޒާޖާ ގުޅުމެއްވެއެވެ. ރަނގަޅު މާނައެއް އެކުލެވޭ ނަމެއް ކިޔުމުން، އެ ނަމުގެ ހެޔޮ އަސަރު ކުއްޖާގެ ކިބައިން ފެނުމުގެ ފުރުޞަތު ބޮޑެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ގޮތުގައި، ޤިޔާމަތް ދުވަހުން ތިޔަބައިމީހުންނަށް ގޮވައިލެވޭނީ ތިޔަބައިމީހުންގެ ނަންތަކުންނާއި ތިޔަބައިމީހުންގެ ބަފައިންގެ ނަންތަކުންނެވެ. އެހެންކަމުން، ރީތި މާނަހުރި ނަންތައް ކިޔުމަށް އެކަލޭގެފާނު ވަނީ އިރުޝާދު ދެއްވާފައެވެ.

ނަމެއް އިޚްތިޔާރު ކުރާއިރު އަންނަނިވި ކަންތައްތަކަށް ބެލުމަކީ އެދެވިގެންވާ ކަމެކެވެ

* މާތް ﷲ އަށް ނިސްބަތްވާ ނަންތައް: އެންމެ މާތް ނަންތަކަކީ މާތް ﷲ އަށް އަޅުވެތިވުން ދޭހަވާ ނަންތަކެވެ. (މިސާލަކަށް: ޢަބްދުﷲ، ޢަބްދުއްރަޙްމާން)
* ނަބީބޭކަލުންނާއި ޞަޙާބީންގެ ނަންތައް: އިސްލާމީ ތާރީޚުގައި ނަމޫނާ ދެއްކެވި ބޭފުޅުންގެ ނަންތައް ކިޔުމަކީ އެ ބޭފުޅުންގެ ޒިކުރާ އާކޮށް، ލޯބި އިތުރުވާނެ ކަމެކެވެ.
* މާނަ ސާފުވުން: ބައެއް ބެލެނިވެރިން އަޑުގަދަ ނުވަތަ ތަފާތު ނަމެއް ކިޔުމުގެ ބޭނުމުގައި، މާނައެއް ނެތް ނުވަތަ މާނަ ސާފުނުވާ ޢަރަބި ލަފުޒުތައް ބޭނުން ކުރެ އެވެ. މިއީ ރަނގަޅު ގޮތެއް ނޫނެވެ.
* ނުބައި މާނަ ދޭހަވާ ނަންތަކުން ދުރުހެލިވުން: މާޔޫސްކަން، ބަލިމަޑުކަން، ނުވަތަ ނުބައި ސިފަތައް ދޭހަވާ ނަންތައް ކިޔުމަކީ ދީނީގޮތުން މަނާކުރައްވާފައިވާ ކަމެކެވެ.

ދަރިންނަށް ނަންކިޔާއިރު، އެކުއްޖާގެ ނަމުގެ ފަހަތަށް ކުއްޖާގެ ބައްޕަގެ ނަން އިތުރުކުރުމަކީ އިސްލާމީ ތަރުބިއްޔަތާއި އުޞޫލުތަކުގެ ތެރެއިން ވަރަށް މުހިންމު ކަމެކެވެ. މިއީ ހަމައެކަނި އާދަކާދައެއް ނޫނެވެ. މީގެ ފަހަތުގައި ދީނީ އަދި އިޖުތިމާޢީ ބޮޑެތި މަޤްޞަދުތަކެއްވެއެވެ. ބައްޕަގެ ނަން ނަމުގެ ފަހަތަށް ލުމުގެ މުހިންމުކަން ތިރީގައިވާ ނުކުތާތަކުން ސާފުކޮށްދެވިދާނެއެވެ:-
ނަސަބު އޮޅުންނުފިލާ ގޮތަށް ހިފެހެއްޓުން، އިސްލާމް ދީނުގައި ނަސަބު ރައްކާތެރި ކުރުމަކީ ދީނުގެ މައިގަނޑު ފަސް މަޤްޞަދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ކުއްޖާގެ ނަމުގެ ފަހަތަށް ބައްޕަގެ ނަން ލުމުން، އެ ކުއްޖާއަކީ ކާކުގެ ދަރިއެއްކަން ވަގުތުން އެނގި، ނަސަބު އޮޅުންބޮޅުންވުމުން ސަލާމަތްވެއެވެ. ކުއްޖާ ގެ ބެލެނިވެރިކަމާ ޙަވާލު ފަރާތަކަށް އެކުއްޖާ ނިސްބަތެއް ނުކުރެވޭނެއެވެ. އެއީ ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތުން ކަނޑައެޅިގެން ޙަރާމް ކުރައްވައިފައިވާ ކަމެކެވެ. ކީރިތި ޤުރްއާނުގެ އަޙްޒާބު ސޫރަތުގެ 5 ވަނަ އާޔަތުގައި ވަނީ ދަރިންނަށް އެކުދިންގެ ބަފައިންނަށް ނިސްބަތްކޮށް ގޮވުމަށް އަމުރުކުރައްވައިފައެވެ.

ވާރުތަ މުދަލާއި ޝަރުޢީ ޙައްޤުތައް ކަށަވަރުވުން، މީހަކު މަރުވުމުން އޭނާގެ މުދާ ވާރުތަވާނީ އޭނާގެ ޝަރުޢީ ދަރިންނަށެވެ. ކުއްޖާގެ ނަމާއެކު ބައްޕަގެ ނަން އޮތުމަކީ، ޝަރުޢީ ގޮތުންނާއި ޤާނޫނީ ގޮތުން އެ ކުއްޖާއަކީ އެ ބައްޕައެއްގެ ދަރިއެއްކަން ސާބިތުކޮށްދީ، މުދަލާއި އެހެނިހެން ޙައްޤުތައް ހޯދައިދި ނުމަށް ފަސޭހަވާނެ ކަމެކެވެ.

ކައިވެނީގެ ޙުރްމަތްތެރިކަން ހިފެހެއްޓުން، ކައިވެނި ހަލާލުވާ މީހުންނާއި ޙަރާމްވާ މީހުން (މަޙްރަމުން) ދެނެގަނެވެނީ ނަސަބުގެ ޒަރީޢާއިންނެވެ. ކުއްޖާގެ ބައްޕަގެ ނަމަށް ނިސްބަތްކޮށް ނަން ކިޔުމުން، ޢާއިލީ ގުޅުންތައް ސާފުވެ، ނޭނގި ހުރެ މީހަކަށް އޭނާގެ މަޙްރަމަކާ ކައިވެނި ކުރެވުން ފަދަ ބޮޑެތި ފާފަތަކުން ދުރުހެލިވުމަށް މަގުފަހިވެ އެވެ.

ބައްޕައަށް ކުރެވޭ އިޙްތިރާމާއި ގުޅުން ބަދަހިވުން، ދަރިފުޅުގެ ނަމާއެކު ބައްޕަގެ ނަން ބޭނުންކުރުމަކީ ބައްޕައަށް ދެވޭ ޝަރަފެކެވެ. މީގެ ސަބަބުން ދަރިފުޅާއި ބައްޕައާ ދެމެދު އޮންނަ ރޫޙާނީ ގުޅުން ވަރުގަދަވެ، އާއިލީ ގުޅުމުގެ މުހިންމުކަން ކުއްޖާ އަށް އިޙްސާސް ކުރެވެއެވެ. އަނެއްކޮޅުން، ނުބައި މާނަ ދޭހަވާ ނަންތަކާއި، ބޮޑާކަން ދޭހަވާ ނަންތައް، ނުވަތަ މާތް ﷲ ފިޔަވައި އަޅުކަން ކުރެވޭ ބާޠިލް ފަރާތްތަކަށް ނިސްބަތްވާ ނަންތައް ކިޔުމަކީ ދީނީ ގޮތުން ހުއްދަ ކަމެއް ނޫނެވެ.

ނިންމާލަމުން ދަންނަވާނީ، ދަރިއަކު ލިބުމުން އެކުއްޖާއަށް ކިޔާނެ ނަމެއް ހޯދުމުގައި ދީނީ އިލްމުވެރިންގެ ލަފާ ހޯދުމާއި، ނަމުގެ މާނަ ރަނގަޅަށް ދެނެގަތުމަކީ ކޮންމެ މަންމައަކާއި ބައްޕައެއްގެ ބޮޑު މަސްއޫލިއްޔަތެކެވެ. އެއީ އެކުއްޖާއަށް ދެވޭ އެންމެ ފުރަތަމަ އަދި އެންމެ އަގުހުރި ހަދިޔާއެވެ.

ނޯޓް: މިއީ ޑރ. މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.