Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

އީދުގެ އެއްބައިވަންތަކަމަކީ ސުލްހަ ދަމަހައްޓަން ލިބޭ ބާރެއް

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

އީދުގެ އެއްބައިވަންތަކަމަކީ ގައުމުގައި ސުލްހަވެރިކަން ދަމަހައްޓަން ލިބޭ ބާރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަޟްޙާ ޢީދުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޙިތާބުގައި ރައީސް ވިދާޅުވީ އަޟްޙާ ޢީދަކީ، މުޅި މުސްލިމް މި އުންމަތް އެއް ސަފަކަށް ތަރުތީބު ކޮށްދޭ، އޯގާތެރިކަމުގެ ދެމެހެއްޓެނިވި މިސާލެއް ކަމަށާއި މާތްވެގެންވާ ޢަރަފާތު ބިމުގެ ހަމަހަމަކަމުން ފެށިގެން، ކޮންމެ ދިމާއަކަށްވެސް ފެތުރިގެންދާ މި އުފާވެރިކަމަކީ، އިންސާނީ ކުލުނުގެ އެންމެ އަލިގަދަ އެއް ރަމްޒު ކަމަށެވެ.

އެގޮތުން އުޟްޙިޔާ ކަތިލުމާއި، އެކިއެކި ހަދިޔާބަދިޔާ ބަދަލުކޮށް، ތަނަވަސްކަމުގެ އަހުލުވެރިން ނިކަމެތި ފަޤީރުންނަށް އެކި ގޮތްގޮތުން އެހީތެރިވެދީ ހެދުމަކީ، މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ރަނގަޅުވެ، އެކުވެރި ބަދަހި ބައެއްގެ ގޮތުގައި ކުރިއަށް ދިޔުމުގެ ހިތްވަރު އާވެގެންދާ ކަންކަން ކަމަށާއި ހަމައެއާއެކު، މިއީ، މަޢާފުކުރުމުގެ ފިނި ރޯޅިން ހިތްތަކަށް ދިރުން ގެނެސްދޭ މޫސުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މާދަމާގެ އުންމީދު ކަމުގައިވާ ޒުވާން ޖީލަށް ރިވެތި އަޚުލާޤީ ސިފަތައް ދަސްކޮށްދީ، މުޖުތަމަޢުގެ ނިކަމެތިންނާއި އެކަނިވެރިންގެ ހިނތުންވުމަކީ، ތިމާގެވެސް އުފާކަމުގައި ދުށުމަށް މި ޢީދުން ދަސްކޮށްދޭކަން ހަނދާން ކުރަންޖެހޭ ކަމަށެވެ.

އެގޮތުން މި ޢީދުގެ ސަބަބުން އާލާވެގެންދާ އެއްބައިވަންތަކަމުގެ މާތް ގުޅުމަކީ، މުޅި ޤައުމުގައި އަމާންކަމާއި ސުލްހަވެރިކަން ދެމެހެއްޓުމަށް ލިބިދޭ ވަރުގަދަ ބާރެއް ކަމަށާއި ޢީދުގެ ޙަޤީޤީ ޖައުހަރަކީ، ތަޤުވާވެރިކަމުގެ ސާފު ފޭރާމުން ނަފުސް ޒީނަތްތެރިކޮށް، ދީނާއި ޙައްޤުގެ މަގު އިސްކުރުމުގެ ޢަޒުމް އާކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންކަމުން، ޢީދުގެ އެކިއެކި ކުޅިވަރުތައް ކުޅެ އުފާފާޅު ކުރައްވަމުން ގެންދަވާއިރު، އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓަވައި، ދިވެހީންގެ ރީތި އާދަކާދަތަކާ ބީރައްޓެހި ކަންކަމުން ދުރުވެވަޑައިގަތުމަށް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ،" ރައީސްގެ ހިތާބުގައިވެ އެވެ.