ދިވެހި ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ މާތްﷲ ގެ ހެޔޮ ރަޙުމަތްފުޅުން ދިވެހި އެންމެހައި ޙައްޖުވެރިންގެ ޙާލު ރަނގަޅު ކަމަށެވެ. އަދި ހައްޖުވެރިން މިހާރު ޢަރަފާތުން ނިކުމެ މުޒްދަލިފާއަށް ވާޞިލްވެފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
މިއަހަރު ރާއްޖެއިން ޖުމްލަ 1،019 މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވެ އެވެ. ހައްޖު ނިންމުމަށް ފަހު ދިވެހިން އެނބުރި ރާއްޖެ އައުމަށް ފުރާނީ އަންނަ މަހުގެ ފަހަކުން ފެށިގެންނެވެ.
ސައުދީ އަރަބިއްޔާއިން ބުނި ގޮތުގައި ބޭރު ގައުމުތަކުން 1.5 މިލިއަނަށް ވުރެ ގިނަ ހައްޖުވެރިން ވަނީ އައިސްފަ އެވެ. ސައުދީގެ ހައްޖުވެރިންނާ އެކު މި އަހަރުގެ ޖުމްލަ އަދަދު 1.6 މިލިއަނަށް ވުރެ ގިނަވާނެ ކަމަށް ލަފާކުރެވެ އެވެ.