Last Updated: April 29, 22:11
Monday, April 29, 2024
ޚަބަރު

ފުލުހުންގެ ގެތަކަށް ހަމަލާދިން ކަމަށް ބުނެ ހައްޔަރުކުރި ބައެއް މީހުންނަށް އަނިޔާކުރި ކަމުގެ ތުހުމަތު

އައްޑޫ ސިޓީ، ގަން ޕޮލިސް ސްޓޭޝަން. ފޮޓޯ: މުހުތާޒް އާދަމް

މަރަދޫ އާއި މަރަދޫ ފޭދޫގައި ފުލުހުން ދިރިއުޅޭ ހަތަރު ގެއެއްގެ ބިއްލޫރިތައް ތަޅާލައި އެ ގެތަކަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ ފަރާތްތަކަށް އަނިޔާކުރި ކަމަށް އެމީހުންގެ އާއިލާތަކުން ކަންބޮޑުވުންފާޅުކޮށްފިއެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ފޭދޫ ވިޔަފާރިވެރިޔަކު ބުނި ގޮތުގައި، ސ.ފޭދޫ އިން ފުލުހުން ހައްޔަރުކުރި ބައެއް ޒުވާނުން ހައްޔަރުކުރި ވަގުތުވެސް އެމީހުންނަށް އަނިޔާކޮށްފައިވާ ކަމަށެވެ.

"ކޯޓު އަމުރެއް ނެތި އަންނަ ގޮތަށް އައިސް ތަޅައިގަނެ ހައްޔަރު ކުރުމަކީ ހަމަނުޖެހުމަށް ދެވޭ ފުރުސަތެއް. ޤާނޫނީ ފިޔަވަޅު އެޅުމެއް ނޫން އަމާ ބަފާއަށް ގޮވާފައި އަނިޔާކުރުމަކީ. "

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޒުވާނެއްގެ އާއިލާ މީހަކު 'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ބުނި ގޮތުގައި، އައްޑޫގައި ތިބި ބައެއް ފުލުހުންގެ ފަރާތުން ފެންނަމުން ދަނީ އަނިޔާވެރިކަން ކަމަށާއި، ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރާ މީހާއަށް އަނިޔާކުރުމުގެ ބާރެއް ޤާނޫނުން ފުލުހުންނަކަށް ދީފައި ނުވާ ކަމަށެވެ.

"ކުރީ ދުވަހު ކޮއްކޮ އާއި ބައްދަލު ކުރަން ދިއުމުން ފުރުސަތެއް ނުދިން. އޭނާ ވެސް ކުށެއް ކުރިއްޔާ އަދަބު ދޭންޖެހޭ. އެކަމަކު ލާއިންސާނީ އަނިޔާ ދިނުމަކީ އިންސާނިއްޔަތާ ޚިލާފު ކަމެއް"

މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ހޯދާލުމަށް މަސައްކަތް ކުރި ނަމަވެސް ފުލުހުންގެ މީޑިޔާ އޮފިޝަލް ފޯނަށް ޖަވާބު ނުދެއްވާތީ މިކަމުގައި ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ގަން ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރާ ފުލުހަކު ބުނި ގޮތުގައި، ހައްޔަރުކުރި ވަގުތު އެމީހުންނަށް އަނިޔާ "ވެދާނެ" ކަމަށެވެ. އެހެން ނަމަވެސް ފުލުހުންގެ ބަންދުގައި ތިބި ބަޔަކަށް އަނިޔާކުރި ކަމަށް ދެކެވޭ ވާހަކަތައް އޭނާ ވަނީ ދޮގުކޮށްފައެވެ.

އައްޑޫގައި ފުލުހުން ދިރިއުޅޭ ހަތަރު ގެއަކަށް ގެއްލުން ދިނުމުގެ ތުހުމަތުގައި ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން އަންގާރަ ދުވަހު ހައްޔަރު ކުރި 3 މީހުންގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިދީފައެވެ.

އަދި ބުދަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާގެ ބަންދަށް ވެސް ފޭދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ 10 ދުވަސް ޖަހައިދީފައެވެ.

ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ބިރުދައްކައި، އިންޒާރުދީ، ފުލުހުން ދިރިއުޅޭ ގޯތިގެދޮރަށް ގެއްލުންދޭ މައްސަލަތައް ފެންމަތިވެފައި ވަނީ، ކޯޓު އަމުރެއް ނެތި މާލޭގެ ބައެއް ގެތަކަށް އެސްއޯ ފުލުހުން ވަދެ ޒުވާނުންތަކަކަށް އަނިޔާކުރި މައްސަލަ އަކަށް ފަހުއެވެ.