Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

އީދު ފާހަގަ ކުރުމުގެ ނަމުގައި ފުރައްސާރަ ނުކުރޭ

އީދު ފާހަގަކުރުމުގެ ނަމުގައި މީހުންނަށް ފުރައްސާރަކުރުމުން ދުރުހެލިވުމަށް މިއަދުގެ އީދު ހުތުބާގައި އިލްތިމާސްކޮށްފި އެވެ.

އީދު ހުތުބާގައި ބުނީ އީދުގެ ދުވަސްތަކަކީ މުސްލިމުން ކައިބޮއި އުފާފާޅުކޮށް ކުޅިވަރު ކުޅެން އޮތް ދުވަސްތަކެއް ކަމަށާއި ނަމަވެސް އީދު ފާހަގަކުރުމުގެ ނަމުގައި މީހުންނަށް ފުރައްސާރަކުރުމާއި މަލާމާތްކުރުމާއި އަންހެނުން ފިރިހެން ހެދުން އެޅުމާއި ފިރިހެނުން އަންހެން ހެދުން އެޅުމާއި ދެ ޖިންސު މަސްހުނިވެގެން ކުޅިވަރުކުރުމާއި މި ކަންކަމުން ދުރުހެލިވާންޖެހޭ ކަމަށެވެ.

އީދުގެ އެންމެހައި ހަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުން މާތްﷲ އަށް ބިރުވެތިވެ، އިސްލާމްދީނާ ފުށުއަރާ ކަންތައްތަކާއި އެހެން ދީންތަކުގެ ޝިއާރުތަކާ އެއްގޮތްވާ ކަންކަމުން ދުރުހެލިވުމަކީ ވާޖިބެއްކަން ވެސް ހުތުބާގައި ވަނީ ހަނދާންކޮށްދީފަ އެވެ.

"އީދުގެ އުފާ ފައުޅުކުރާ އިރު، އިސްލާމީ ސަގާފަތާ ހިލާފު، އިސްލާމީ ޝަރުއީ މިންގަނޑަށް ނުފެތޭ އެންމެހައި ކަންކަމުން ދުރުހެލިވުމަށް ނަސޭހަތްތެރިވަމެވެ،" ހުތުބާގައި ބުންޏެވެ.

އީދު ހުތުބާގައި ވަނީ އީދު ފާހަގަކުރާއިރު އިސްލާމީ އުންމަތުގެ ބަޔަކު ނުހަނު ނިކަމެތި ހާލަތުގައި ތިބިކަން ވެސް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށާއި މި މާތް މަތިވެރި ދުވަހުގެ އުފާ ފާޅުކުރާއިރު އެ އަހުންނާއި އުހުތުންނަށް ހެޔޮ ދުއާކޮށް ނަސްރާއި ކާމިޔާބު ދެއްވާތޯ ދުއާކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ ދުއާކަން ވަނީ ފާހަގަކޮށްފަ އެވެ.