ރާއްޖޭގެ ސިޔާސީ މަސްރަޙުގައި އެންމެ ވަރުގަދަ އެއް ފަލްސަފާއަކީ ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ޑިމޮކްރަސީއެވެ. ޚާއްޞަކޮށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ފަދަ ބޮޑު ޕާޓީއެއްގެ އެތެރޭގެ އިންތިޚާބުތަކަކީ ހަމައެކަނި މަޤާމަކަށް މީހަކު ހޮވުމެއް ނޫނެވެ. އެއީ ޕާޓީގެ މިޞްރާބު ކަނޑައަޅާ މުހިންމު ނިންމުމެކެވެ. ނަމަވެސް، މިފަހަރުގެ ޗެއާޕާސަން އިންތިޚާބުން ފެންނަމުންދާ މަންޒަރުތަކަކީ ޕާޓީގެ ހިންގާ އަސާސްތަކާ މެދު ސުވާލު އުފެދޭ ފަދަ ކަންތައްތަކެކެވެ.
މި އިންތިޚާބުގައި ފެންނަމުންދާ އެންމެ ހިތާމަވެރި މަންޒަރަކީ، ވާދަކުރާ ވަކި ކެންޑިޑޭޓަކަށް ހަމައެކަނި އެހެން ކެންޑިޑޭޓަކާ ވާދަކުރަން ޖެހުމުގެ ބަދަލުގައި، މުޅި ޕާޓީގެ ލީޑަރޝިޕާއި ޕާލިމެންޓަރީ ގުރޫޕާ ދެކޮޅަށް ތެދުވަން ޖެހިފައިވާ ތަނެވެ. މިއީ ސިޔާސީ ގޮތުން ބަލާއިރު ލަދުޙަޔާތުގެ ކަންފުޅެއްވެސް ނެތް، ދަށު ދަރަޖައިގެ ޢަމަލެކެވެ. ޕާޓީގެ މުއައްސަސާތަކަކީ ވަކި ފަރާތަކަށް ނުޖެހި، ހުރިހާ މެމްބަރުންނަށް ހަމަހަމަ ފުރުޞަތު ދޭންޖެހޭ ތަންތަނަށް ވީހިނދު، ލީޑަރޝިޕުން ބާރުގެ ބޭނުންކޮށްގެން ވަކި ކެންޑިޑޭޓަކު ފެއިލްކޮށްލުމަށް ނުފޫޒު ފޯރުވުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫނެވެ.
މިކަމުގެ ނަތީޖާ މިއަދު ފެންނަން އޮތީ ވަރަށް ސާފުކޮށް އިޚުލާޞްތެރިކަމާ އެކުގައެވެ. ޕާޓީގެ އެތެރޭގެ ހިންގުން ހައިޖެކްކޮށް، ވަކި ބައެއްގެ ނުފޫޒުގެ ދަށަށް ބާރުތައް ގެންދަން ކުރާ މަސައްކަތުގެ ސަބަބުން، މިއަދު ޢާންމު މެމްބަރުންނަށް މިވަނީ އިޚުތިޔާރެއް ނެތް ނިންމުމެއް ނިންމަން މަޖުބޫރުވެފައެވެ. އެއީ ޕާޓީގެ ލީޑަރޝިޕާ ކުރިމަތިލައި، ހައްޤު ބަސް ބުނުމެވެ.
ލީޑަޝިޕުން ކިތަންމެ ވަރުގަދަ ނުފޫޒެއް ފޯރުވަން މަސައްކަތް ކުރި ނަމަވެސް، މިއަދު ޕާޓީގެ ޢާންމު މެމްބަރުން ތިބީ ވަރަށް ބޮޑަށް ހޭލުންތެރިވެފައެވެ. ޕާޓީގެ އަޞްލު މިލްކުވެރިންނަކީ ވަގުތީ ގޮތުން މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ނޫންކަމާއި، އެއީ ޕާޓީގެ ވަފާތެރި ޢާންމު މެމްބަރުންކަން ސާބިތުކޮށްދޭންޖެހޭ ވަގުތު މިއަދު މިވަނީ އައިސްފައެވެ.
އެ ބޭފުޅުންގެ ޢަމަލުތައް ކޮންމެ ގޮތަކަށް ބެހެއްޓެވި ނަމަވެސް، މި އިންތިޚާބުގެ އެންމެ ފަހުގެ ނިންމުން ނިންމާނީ ލީޑާރޝިޕުން ނުވަތަ ޕާލިމެންޓަރީ ގުރޫޕަކުން ނޫނެވެ. އޭގެ ބަދަލުގައި، މި އިންތިޚާބުގެ މިޞްރާބު ކަނޑައަޅާނީ ޕާޓީއަށްޓަކައި ނުހަނު ބޮޑެތި ޤުރުބާނީތަކެއް ވެފައިވާ އިޚުލާޞްތެރި ޢާންމު މެމްބަރުންނެވެ. ވޯޓު ފޮށިން ހާމަވެގެންދާނީ އެ މެމްބަރުންގެ ޙަޤީޤީ ބާރެވެ. އެހެންކަމުން މި އިންތިހާބު ވެގެންދާނީ ތާރީޚީ ގޮތުން ތަފާތު، މެންބަރުންގެ ނިންމުން ކުރިއަރާނެ އިންތިޚާބަކަށެވެ. ޕާޓީއަށް އިޚްލާސްތެރި މެމްބަރުން ތިބީ ޕާޓީގެ އަގުތަކާއި އުސޫލުތައް ދަމަހައްޓަން އިޚްލާސްތެރިކަމާ އެކު ތެދުވެފަ އެވެ.
އެއީ އެ މެންބަރުންގެ ޒިންމާއެވެ. އެހެންކަމުން، މި އިންތިހާބުގެ ނަތީޖާ ބަރޯސާވާނީ ޕާޓީގެ ބާރުގަދަ ފަރާތްތަކު މައްޗަކަށް ނޫނެވެ. އެކަމަކު ޕާޓީގެ ގްރާސްރޫޓް ޖަމާޢަތުގެ އަޑާއި ހިތްވަރުގެ މައްޗަށެވެ.