Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

ދަރަވަންދޫ އެއާޕޯޓްގެ ޓާމިނަލް ތަރައްގީ ކުރަން ބީލަމަށް

ބ .ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ތަރައްގީ ކުރާނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.

އެ އެއާޕޯޓް ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އިން ބުނީ މި މަޝްރޫއު ހިންގައި ދޭން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ސުންގަޑި އަންނަ ޖޫން މަހުގެ 4 ވަނަ ދުވަހުގެ ރޭގަނޑު 11:59 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މި މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައި އޮތީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުންނެވެ.

ދަރަވަންދޫ އެއާޕޯޓުގެ އާ ޓާމިނަލް ފަރުމާކޮށްފައި ވަނީ، ރާއްޖޭގެ ކަނޑުއަޑީގެ ރީތި މަންޒަރުތައް ދައްކުވައިދޭ ފަދަ ޒަމާނީ ފަރުމާއަކަށެވެ. މި ޓާމިނަލްއާއެކު އެއާޕޯޓުގެ ހިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށް އައިއޭއެސް އިން ބުނެފައިވެ އެވެ.

އެގޮތުން ޖާގަ ތަނަވަސް އެރައިވަލް ހޯލަކާއި، ސެލްފް ސާވިސް ކިއޮސްކްތަކާއި ތިން ގޭޓް ޓާމިނަލްގައި ހިމެނޭނެ އެވެ.

ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ރިސޯޓްތައް ހުރި ބ. އަތޮޅުގެ ދަރަވަންދޫ އެއާޕޯޓް ހުޅުވީ 2012 ގަ އެވެ. އެ އެއާޕޯޓް ތަރައްގީކުރީ ކީ ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސްއާ ހަވާލުކޮށްގެންނެވެ.